ފިނޮޅަކަށް ދަތުރު ގޮސްއުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓޫ އަދި ޑައިވްކޮށްގެން 3،000 އަކަފޫޓުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު (43އ) ގެއްލިފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އެމްއެންޑީއެފްއިން ބުނީ އޭނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.

ހުވަފެންފުށި އަދި ފިނޮޅު ފެންނަ ގޫގްލް މެޕެއް

މިހާތަނަށް ލިބިފައިވާ މައުލޫމާތުން، އެނާ ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑް ކުރަމުން ދަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ގެއްލިގެން ހޯދަމުންދާ ތަސްލީމް އަކީ މާލެ ސިޓީ ކައުންސިލްގެ އެސެޓްސް އެންޑް ފްލެޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިލެކްޓްރީޝަނެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ތަސްލީމް ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ތަސްލީމު ހޯދުމުގައި ކައުންސިލުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފައެވެ.