ހުސައިން މުނައްވަރު ޑައިރެކްޓްކޮށް ޝާނީޒް އަލީ ޑައިރެކްޓްކުރި ފިލްމު "ކަމަނާ" ގެ ޓިކެޓް ވިއްކަން ފެށީއްސުރެ އަޑުއިވެމުން ދިޔައީ އެއް ވާހަކަތަކެކެވެ. ފިލްމުގެ ޝޯތައް ފުލުފުލުން ބުކްވެ ބެލުންތެރިންނަށް ޓިކެޓް ލިބެން އުނދަގޫވި ވާހަކައެވެ. ޓިކެޓް ގަންނަން އޮލިމްޕަހުގައި ކިޔު ހަދަމުން އަންނަ ވާހަކައެވެ. ކޮންމެއަކަސް ފިލްމުގެ ޓިކެޓް ނަގަން އޮލިމްޕަހަށް ދިޔަ ދުވަހު އޮލިމްޕަސް ކައުންޓަރު ކައިރިން ފެނުނު މަންޒަރުން އެއީ ހަމަ އަސްލުވެސް ހަގީގަތެއްކަން އެނގުނެވެ. ފިލްމު ޕްރޮމޯޓްކުރަން ޖެއްސި ސްޓަންޓެއްވެސް ނޫންކަން އެނގުނެވެ. ޝޯތައް ފުލްވެ، ފިލްމުގެ ޝޯތައް ރޭގަނޑު 11:30 ގައި އަޅުވަން ނިންމިއެވެ. ބެލުންތެރިންގެ ތަރުހީބާއެކު "ކަމަނާ"ގެ 16 ޝޯ ހައުސްފުލްވުމަށްފަހު، ރިލީޒްކުރީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ފިލްމު ބަލަން ދިޔައީ އެއްގޮތަކަށްވެސް ބޮޑު ކިޔުއެއްގައި ހުރެގެން ފިލްމަށް ވަދެވޭނެކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ރޭގަނޑު 11:30 ގެ ޝޯއެއްކަމުން މާ ގިނަ މީހުން ދާނެ ކަމަކަށް ވެސް ހިތެއް ނުބުންޏެވެ. ނަމަވެސް އިވެމުން ދިޔަ ވާހަކަތަކަކީ ހަމަ ހަގީގަތްކަން އެނގުނީ އޮލިމްޕަސް ދޮރުމައްޗަށް ހުއްޓުމާއެކުގައެވެ. އޮލިމްޕަސް ބޭރުން ކިޔު ހަދައިގެން ސިނަމާ ހޯލަށް ވަދެވެން ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ހޭދަވިއެވެ. ހަމަ ހަގީގަތުގައިވެސް ހައުސްފުލް ޝޯއެކެވެ.

މައިގަނޑު ތަރިން

މަރިޔަމް އައްޒަ (ރިމްޝާ/ކަމަނާ)، ޔޫސުފް ޝަފީއު (ހައިދަރު)، އާމިނަތު ރަޝްފާ (ނޯރާ). މުހައްމަދު ރަޝީދު (އައްބާސް)، ނަތާޝާ ޖަލީލު (ޒުލްފާ) އަދި މުހައްމަދު މަނިކު (ނަބީލު) އެވެ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ރިމްޝާ އާއި ހައިދަރުގެ ކައިވެނި ވެގެންދިޔައީ އެ މީހުންގެ ހަޔާތަށް އައި ބަހާރު މޫސުމަށެވެ. ލޯބިން އުޅޭ ދެމަފިރިއެއްކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދެއެވެ. ހައިދަރަކީ ރަށުގެ ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން ރަށަށް އެކި ކަހަލަ ކަންތައްތައް ކޮށްދެމުން އައި މީހެކެވެ. ރަށުގެ ރައްޔިތުންގެ ލޯތްބާއި ގަދަރު ހޯދާފައިވާ މީހެކެވެ. ރިމްޝާ އަކީ މޮޅު ފެހުންތެރިއެވެ. ދެމީހުންގެ ކައިވެންޏަށް ހަގީގީ ކުލަޖެހުނީ ރިމްޝާ ބަލިވެ އިން ހިސާބުންނެވެ. ހައިދަރަށް ސަޕްރައިޒެއް ދިނުމަށްޓަކައި ރިމްޝާ ޕްރެގްނެންސީ ކިޓު ގަތީ ހައިދަރުގެ އެންމެ ގާތް އެކުވެރިޔާ ނަބީލު އާއެއްކޮށް ފާމަސީއަށް ގޮއްސައެވެ. ނަބީލުގެ މޮޅު ސްކްރިޕްޓަކަށް ރިމްޝާ ކުޅެލި "ޑްރާމާ" އަކުން ހައިދަރު އޮފީހުގައި މަތަނުވެ ގެއަށް ވަނީ ހަލުވި މިނެއްގައެވެ. ރިމްޝާގެ މޫނުމަތިން ފެނުނު މާޔޫސްކަމުގެ ކުލަވަރާއެކު ހައިދަރުގެ ހިތް މަޑުމޮޅިކޮށްލިއެވެ. ރިމްޝާގެ ގިސްލުމުގެ އަޑާއެކު ހައިދަރު ކަންތައްބޮޑުވިއެވެ. ކަމަނާގެ އެކްޓިން ހަމަ މޮޅީއެވެ. އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހައިދަރަށް، ރިމްޝާ ހާމަކުރީ ނަބީލު ބޭނުންވި ގޮތަށެވެ. ހިތްތަޅުވާލުމަށްފަހުއެވެ.

ޒުލްފާ އަކީ ރިމްޝާގެ ގާތްއެކުވެރިއެކެވެ. ވިޔަފާރިވެރިޔާ އައްބާސްއާ ކައިވެނިކޮށްގެން އުޅޭ މިދެމަފިރިންގެ ހަޔާތުގައި ކުއްޖެއް ހުރި ނަމަވެސް ޒުލްފާގެ އެދުމުގެ މަތިން އައްބާސް ދެވަނަ ކައިވެންޏެއް ކުރެއެވެ. ނޯރާއާ ކައިވެނިކޮށްގެން އައްބާސް ނޯރާ ރަށަށް ގެނެއެވެ. ނޯރާ އަށް ރަށުތެރެއިން ހައިދަރު ފެނެއެވެ. އަދި ނޯރާގެ ހިތް ހައިދަރަށް އެދެވުނެވެ. ހަލާލު އަނބިމީހާ ރިމްޝާ ބަލިވެއިނުމުގެ ސަބަބުން ހައިދަރަށް އޭނާ ބޭނުންވާ އެދުންތައް ރިމްޝާއަކަށް ފުރިހަމައެއްނުކޮށްދެވެއެވެ. ނަމަވެސް ދެމަފިރިން އޭރު އުޅެމުން ދިޔައީ ވަރަށް ހަމަޖެހޭ ލޯބި ދިރިއުޅުމެއްގައެވެ. މި ޖެނެރޭޝަން ކުދިން ބުނާގޮތުން ނަމަ ހައިދަރާ ރިމްޝާ އަކީ "ދަ އައިޑިއަލް ކަޕްލް"އެވެ.

ކަންތައްތައް ބަދަލުވެގެންދަނީ މިހިސާބުންނެވެ. އައްބާސް އާއި ޒުލްފާގެ ހުރި ހަމައެކަނި ދަރިފުޅަށް ޓިއުޝަން ނަގައިދޭން އެގެއަށްދާ ހިސާބުންނެވެ. ނޯރާ އާއި ހައިދަރުގެ ސިއްރު ބައްދަލުވުންތަކެވެ. އަނބިމީހާ ނިކަމެތި ހާލަށް ދޫކޮށްލުމަށް ހައިދަރު އާއި ނޯރާގެ ދުނިޔެވީ އެދުންތައް ފުރިހަމަކުރަމުން ދިޔައެވެ. ރިމްޝާ އަށް ހައިދަރުގެ އުޅުމަށް އަންނަ ބަދަލުތައް ފާހަގަވެ އެކަމާ ސުވާލުކުރަން ފެށިއެވެ. ސުވާލުތަކަށް ސީދާ ޖަވާބެއް ހައިދަރަކަށް ނުދެވުނެވެ. އިސްކުރީ ރުޅިއެވެ. އެންމެ ފުރަތަމަ ވެސް ހައިދަރު އިސްކުރީ އަތެވެ. އެންމެ ފުރަތަމަ ކުޑަ މިންވަރަކަށެވެ. ފަހުން ފަހުން އެކަންތައް ބޮޑުވެ ރިމްޝާއަށް ހައިދަރު އާއެއްކޮށް އުޅެން ދަތިވެއެވެ. އަނިޔާއަކަށްފަހު އަނިޔާއެކެވެ. އަނބިމީހާ ބަލިވެ އިން ހާލުގައި ހައިދަރު ރިމްޝާއަށް ކޮށްލި އަނިޔާތަކެވެ. ރިމްޝާ އަށް ދިން ވޭނެވެ. ފިރިހެނަކު ކުރަންނުޖެހޭ ހުރިހާ ކަމެއް ހައިދަރު ދިޔައީ ކުރަމުންނެވެ.

ހަގީގީ ހާދިސާއެއްގެ އަސްލަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ އިންޓަމިޝަންއަށްފަހު މުޅި ހޯލް އޮތީ ހަމަހިމޭންކޮށެވެ. ހައިދަރު ރިމްޝާއަށް ކުރާ ގޯނާގެ ސަބަބުން ބެލުންތެރިން ލަވާ ހަޅޭކުގެ އަޑެވެ. ހިތަށް ކެތްކުރަންދަތިވެ ބަލަން އުނދަގޫވެ ބެލުންތެރިން ރޮމުން ދިޔަ އަޑެވެ. ކަރުނަ ފޮހެމުން ގިސްލަމުން ފިލްމުގެ ހުރިހާ މަންޒަރެއް ބަލާ ނިންމާލީ ހިތްތަކުގައި ހައިދަރާ މެދު ނަފްރަތު އުފައްދަމުންނެވެ. އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ މި ފިލްމަކީ ހަމަ ހަގީގަތުގައިވެސް މުޖުތަމައުއަށް ދެވޭ ވަރުގަދަ އިންޒާރެކެވެ. ވޭކްއަޕް ކޯލެކެވެ.

ރިމްޝާއަށް އެ އަނިޔާތަކަށް ކެތްކުރެވިދާނެބާވައެވެ؟ އަންހެނަކަށްވެ ހުރި ނޯރާ އަށް އެހެން އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްލަން ކެރުނީ ކީއްވެބާއެވެ؟ ދަރިފުޅަށް ބައްޕައެއްގެ ލޯބި ހައިދަރަށް ދެވިދާނެބާވައެވެ؟ ހައިދަރާ ނޯރާގެ ވަގު ގުޅުން ސިއްރެއްގެ ގޮތުގައި އޮވެދާނެބާވައެވެ؟ލިބެމުންދިޔަ ގެވެށި އަނިޔާތަކުން ރިމްޝާއަށް އަރައިގަނެވިދާނެބާވައެވެ؟ މިއީ ހައްތަހާވެސް ހިތުގައި އުފެދޭ ސުވާލުތަކެވެ. ސުވާލުތަކަށް ޖަވާބު ހޯދުމަށް ފިލްމު "ކަމަނާ" ކޮންމެހެން ބަލަންޖެހެއެވެ.

އައްޒަ ސާބިތުކޮށްދިނީ އޭނާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ މޮޅު ބަތަލާކަން!

ފިލްމު ކުޅުމަށް އައްޒަގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަށް ފިލްމުގެ ޑައިރެކްޓަރު ހުސައިން މުނައްވަރު ބޭނުންވިއެވެ. މީހާ ވަކި ވަރަކަށް ފަލަވުމަށް އައްޒަ ގާތު އެދުނީ ކަމަނާ ކެރެކްޓާ އެގޮތަށް ބިނާކޮށްފައިވާތީއެވެ. ކޮންމެއަކަސް އައްޒަ މި ފިލްމު ކުޅެން އެއްބަސްވިއެވެ. ބަތަލާ ބުނީ ސީންތައް ކުޅެން ދިޔައީ ވަރަށް ބޮޑަށް މެންޓަލީ ތައްޔާރުވެގެން ކަމަށްވިޔަސް ފިލްމުގެ ޝޮޓުތައް ނަގަމުން ދިޔަ ދަނޑިވަޅުގައި ހިތަށްއަރަމުން ދިޔައީ މިއީ ހަމަ އަސްލަށްވެސް ކުއްޖަކަށް ދިމާވެފައިވާ ކަންތައްތަކެއް ކަމުގައެވެ. މީހަކަށް އެވަރުގެ އަނިޔާއެއްދޭން ކެރޭނެބާއޭ ހިތަށް އަރަމުން ދިޔަ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ. ފިލްމުގެ ބައެއް މަންޒަރުތައް ކުޅެން އުނދަގޫވިކަމަށް ބަތަލާ ބުނި ނަމަވެސް ފިލްމަކުން އެކަން ފާހަގައެއްނުވެއެވެ. ކަމަނާގެ ކެރެކްޓާ އައްޒަ ވަނީ އެންމެ ފުރިހަމައަށް ޑެލިވާކޮށްދީފައެވެ. ބެލުންތެރިންގެ ހިތްތަކުގައި އައްޒައަށް ހާއްސަ މަގާމެއް މި ފިލްމުގެ ސަބަބުން ލިބޭނެކަން ގައިމެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނެއްގެ ރޯލު އައްޒަ ކުޅެދިނީ ބަލަން އިންނަ މީހާއަށް ވެސް އެކަންތައްތަކަކީ ހުދު އޭނާއަށް ވެސް ދިމާވެފައިވާ ކަންތައްތަކެއްކަމަށް އިހުސާސްކޮށްދެމުންނެވެ. އެހާވެސް ފުރިހަމައެވެ. އައްޒަގެ ކިބައިން ފެނިގެންދިޔައީ ހުސްވެސް އަޖައިބެވެ.

ޔޫއްޕެ އަކީ އަބަދުވެސް އެއްވަނަ!

ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ އަބަދުވެސް ދިވެހިންގެ އެއްވަނަ އެކްޓަރެވެ. އޭނާއަކީ ވާސަޓައިލް އެކްޓަރެކެވެ. ކުޅޭ ކޮންމެ ފިލްމެއްވެސް ފުރިހަމަކޮށް ކުޅޭއިރު ޔޫއްޕެގެ ފިލްމުތަކުން އެކި ކަހަލަ ކެރެކްޓާތައް ފެނި، ޔޫއްޕެގެ މޮޅުކަން ބެލުންތެރިންނަށް އެނގެއެވެ. މި ފިލްމަކީ އޭނާގެ ކެރިއަރުގައިވެސް އެންމެ ތަފާތު އެއް ފިލްމުކަން ގައިމެވެ. ފިލްމުގެ ޔޫއްޕެގެ ކެރެކްޓާ ދެކެ ކިތަންމެ ރުޅި އައި ނަމަވެސް ޔޫއްޕެގެ އެކްޓިންއަށް ހަމަ ސަތޭކައެވެ. ރުޅިގަދަ ހައިދަރުގެ ރޯލު ކުޅޭއިރު ލޯމަތިން ސިފަވެގެންދަނީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ދިމާވެފައިވާ ކަންތައްތަކެވެ. ލޮލުން ކަރުނަ ފާއްދާލީ އިންސާނުންގެ ސިފައިގައި ޖަނަވާރުން އުޅޭކަން އިހުސާސްވުމުންނެވެ. ކޮންމެއަކަސް ހައިދަރުގެ ކެރެކްޓާ ޔޫއްޕެ ނޫން އެހެން އެކްޓަރަކަށް ނުކުޅެވޭނެކަން ހިތް އެއްބަސްވިއެވެ. އެހާ ވެސް ފުރިހަމައެވެ. ޔޫއްޕެ ސާބިތުކޮށްދިނީ އޭނާއަކީ ދެގޮތެއްނުވާ ބެލުންތެރިންގެ ނަންބަރު ވަން އެކްޓަރުކަމަށެވެ.

އާޝާ އާއި މަނިކުގެ އެކްޓިން އަށް ސާބަސް!

ބެލުންތެރިން ހެއްވާލުމުގެ ބައި މުހައްމަދު މަނިކު ފުރިހަމައަށް އަދާކުރަމުން ދިޔައިރު އާޝާ އަދާކުރަމުން ދިޔައީ ބެލުންތެރިންގެ ހިތްތަކުގައި އުފެދެމުން އައި ރުޅިވެރިކަމުގެ ރޯލެވެ. ނޯރާ ގެ ކެރެކްޓާ ކުޅުނު އާޝާގެ އެކްޓިން މޮޅެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ އިތުބާރު ހޯދި އާޝާ އަކީ މޮޅު ބަތަލާއެކޭ ބުނެވިދާނެއެވެ. ފިލްމު "ކަމަނާ" އިން އެކަން އާޝަ ސާބިތުކޮށްދީފިއެވެ. މަނިކުގެ އެކްޓިންއަށް ކިޔާނެ މާބޮޑު އެއްޗެއް ނެތެވެ. ބުނެވެން އޮތީ މަނިކު އަކީ ހަމަ އެންމެ ބެސްޓުކަމަށެވެ. ކެރެކްޓާ ޑެލިވާކޮށްދީފައިވަނީ ވަރަށް ފުރިހަމައަށެވެ. ފިލްމުގައި ނަތާޝާ އަދި ދަރާގެ އެކްޓިންވެސް ފާހަގަކޮށްލެވެއެވެ. ޖުމްލަކޮށް ބުނާނަމަ މުޅި ފިލްމުގެ ކާސްޓުންގެ އެކްޓިންއަށް ހަމަ ސަތޭކައެވެ. ކޮންމެ އެކްޓަރެއްވެސް އެ އެކްޓަރަކަށް ލިބުނު ކެރެކްޓާ ކުޅެދީފައިވަނީ ވަރަށް ފުރިހަމަކޮށެވެ.

ފިލްމުގެ ކާސްޓުން ފެށިގެން ފިލްމުގެ ކޮންމެ މަންޒަރެއްވެސް އެހާ ފުރިހަމައެވެ. އެހާ ކޮލިޓީއެވެ. ސިނަމޮޓޮގްރަފީ އިން ފެށިގެން ފިލްމުގެ ލަވަތަކާ ހަމައަށެވެ. ވަރަށް ފުރިހަމައެވެ. މޮޅަދޫގެ ހިތްގައިމު މަންޒަރުތަކެވެ. ފިިލްމުގެ ކޮންމެ މަންޒަރަކީ ހަމަ ބަލާހިތުން ބެލުނު މަންޒަރުތަކެވެ. "ކަމަނާ" ފިލްމުން ބެލުންތެރިންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ހިތުގެ އެންމެ ހިމަނާރާ ކުޅެލާފިއެވެ. "ކަމަނާ" ފިލްމުން ދިނީ ވަރުގަދަ އިންޒާރެކެވެ. މުހިއްމު މެސެޖެކެވެ. "ކަމަނާ" ފިލްމުން މަސްހުނި އިހުސާސްތަކެއް ކުރުވިއެވެ. ލޯތްބާ ރުޅިވެރިކަމެވެ. އޯގާވެރިކަމާއި ނަފްރަތެވެ. ފިލްމުގެ ޓީމަށް އައްސަރިބަހާ ސާބަހެވެ. "ކަމަނާ" ފިލްމާއެކު ދިވެހި ފިލްމު އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ޖެހިލައިފިއެވެ. "ކަމަނާ" ފިލްމު ތާރީހުގައި ރަންއަކުރުން ލިޔެވިއްޖެއެވެ. ފިލްމަށް ހަމަ ސަތޭކައެވެ.