ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ލިވަން އެސް ޖަގަރްޔަން ދެބަސްވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު މައުމޫން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތައް ނޫސްތަކުން ރިޕޯޓު ކުރަމުންދާއިރު، އދ. ގެ ސަލާމަތީ މަޖިލީހުން އެކަމާ އަޅާނުލާތީ، ސަލާމަތީ މަޖިލިސް ވުޖޫދުގައި އޮތްތޯ ސުވާލު އުފައްދަވާފައެވެ.

އެ ޕޯސްޓަށް ރައްދު ދެއްވަމުން ރަޝިޔާގެ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވާން ޖަރްކަވާ ވިދާޅުވީ މައުމޫނުގެ ޕޯސްޓު އެ އެމްބަސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައުމޫނުގެ އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިޔާ އިން ޔުކްރެއިނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށަން ޖެހުނު ސަބަބު މައުމޫނަށް ހަނދާން ކޮށްދެއްވަމުން ސަފީރު ވިދާޅުވީ، އެފަދަ ޕޯސްޓެއް ކުރެއްވުމުގެ ކުރިން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފަށަން ޖެހުނު ސަބަބު ބަލަން ޖެހޭ ކަމަށާއި ނޭޓޯ ފަދަ ޖަމާއަތްތަކުން ވެސް ޔޫކްރޭން ތާއީދުކުރާ ކަމަށެވެ.

އަދި ހަމައެހެންމެ ޔޫކްރޭނުގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ކިބައިން ނާޒީންގެ ސިފަތައް ފެންނަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަތައް އަޑުއައްސަވައި އެކަމާ ގުޅޭ ގޮތުން ދިރާސާތައް ކުރައްވުމަށް ސަފީރު ވަނީ މައުމޫންގެ ކިބައިން އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރަޝިޔާ އިން އިސްވެ ވަނީ ސުލްހަ ގާއިމުކުރުމަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، ކޮންމެ ފަހަރަކު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި، ހަނގުރާމަ ހުއްޓާނުލަން ޔުކްރެއިންގެ ރައީސް ވްލަޑްމިއާ ޒެލެންސްކީއަށް ހިތްވަރުދީފައި ކަމަށް ތުހުމަތުކުރެއްވި އެވެ.

ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ލިވަން އެސް ޖަގަރްޔަން

އަދި އެއް ފަރާތުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ފަލަސްތީނު ރައްޔިތުންގެ ކެކުޅުން ހުއްޓުވަން އދ.ގެ ސަލާމަތީ މަޖިލިސް ފެއިލްވެފައިވާ ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން، މައުމޫން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމާ އާ ގުޅުވައި ކުރިން ކުރެއްވި ޓްވީޓުގެ މާނަ ގޯސްކޮށް ނަގާފައިވާ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި، އެ ޕޯސްޓުގައި ބީބީސީއިން ކޮށްފައިވާ ރިޕޯޓަކީ ހަގީގަތެއް ކަމަށް ވިދާޅުވެފައިނުވާނެ ކަމަށާއި، ކަންބޮޑުވުންފާޅުކުރެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންޑޭޓް ތަންފީޒު ނުކުރާތީ ކަމަށެވެ.

އަދި ހަމައެހެންމެ ދިގުދެމިގެންދާ އެއްވެސް ހަމަނުޖެހުމަކީ، ރާއްޖެ ފަދަ އެކަމުގައި ބައިވެރިވުމެއް ނެތް ގިނަ ގައުމުތަކަށް ވަރަށް ބޮޑު ގެއްލުމެއް، އަދި އެކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމެއް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.