އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރިއަށް އެއްވެ، އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް އިއްޔެ ވަނީ ދެ އަންހެނުން ހައްޔަރު ކޮށްފައެވެ. އެއީ އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒުރާ އިބްރާހިމް އެވެ. އަދި ކްރިމިނަލް ކޯޓުން މި ދެ މީހުން ވަނީ ތިން ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު މައި ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އިރު ޝާދިޔާ އާއި ޝަޒްރާ ހިޔާލު ފާޅުކުރަމުން ގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެ ހިޔާލު ފާޅުކުރުން ހުއްޓުވުމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހުއްދަ އަމަލެއް ނޫން ކަމަށާއި މި ސަރުކާރު ފެށިގެން އައި ދުވަހުވެސް ދިޔައީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މި ސަރުކާރު އުފެދުނު ދުވަހުން ފެށިގެންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެކި ގޮތްގޮތުން ގެންދަނީ ހުރަސް އަޅަމުންނެވެ. ހަބަރު ފަތުރާ ވެބްސައިޓުތައް ބަންދުކުރުމާއި، ނޫސްތަކާ ދެކޮޅަށް މައްސަލަ ހުށަހެޅުމާއި، މީހުންގެ ސިޔާސީ ވިސްނުމަށް ބަލައި އެކަހެރިކުރުން ފަދަ އަމަލުތައް ތަކުރާރުކޮށް ފެންނަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ."
އެމްޑީޕީ

އެމްޑީޕީން ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ މި ސަރުކާރުން ހިންގި އެއްވެސް އަމަލެއްގައި އިހުލާސްތެރިކަމެއް ނެތްކަން، މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވާގޮތަށް ބެލުމުންވެސް ހާމަވާ ކަމަށެވެ.

އެގޮތުން ފަލަސްތީނަށް އެހީ ފޮނުވުމުގައިއާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި އަޑުއުފުލުމުގައިއާއި، އަދި ފަލަސްތީނުގެ ހައްގުގައި އަޅާނޭކަމަށް އިއުލާނުކުރި ފިޔަވަޅުތައް އެޅުމުގައިވެސް މި ސަރުކާރުގެ ފުށުން ފެންނަނީ ފަހަތުފަޔަށް ބުރަވުމާއި، އިހުމާލުގެ އަމަލުތައް ކަމަށް ބުނެ އެ ބަޔާނުގައި ވަނީ ޝާދިޔާ އާއި ޝަޒްރާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

އިޒްރޭލާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން މި ދެ ފަރާތް ހައްޔަރު ކުރި ކުރުން އަދާލަތު ޕާޓީންވެސް އިއްޔެ ވަނީ ގޮވާލާފައެވެ. އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށާއި، ވަކިން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.