މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ، މި ތަމްރީންތަކަކީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތާއި ހުނަރު އުނގަންނައި ދިނުމަށް ރޭވިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ. އެގޮތުން ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައި ވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށެވެ. ޑިޕޯ އޮޕަރޭޝަންސް އަދި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ކުރިޔަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެކެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް، ފިއުލް ސާވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއާ މުވައްޒަފުންނާ އެކުގައި ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމްތައް ފާސްކޮށްފައި ވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް، ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މިއާއެކު، އެމްއޭސީއެލްގެ ފިއުލް ސާވިސަސްގައި ދެވޭ ތަމްރީންތަކަކީ ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޭ، ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށްގެންދާ ތަމްރީންތަކަކަށް ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ތަމްރީން ޕްރޮގްރާމްތައް ފެށުމާއިއެކު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު،ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް ވަނީ ފިއުލް ފާމަށް ޒިޔާރަތްކޮށް ތަމްރީންތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވައި މުވައްޒަފުންނާއި ޕްލޭނަރުންނަށް ހިތްވަރު ދެއްވާފައެވެ.

މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މިއީ އެ ކުންފުނީގެ މެނޭޖްމެންޓުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމްގެ ގޮތުގައި އެމްއޭސީއެލް އިން ފާހަގަ ކުރެއެވެ. ވީއައިއޭއިން އެއާލައިންތަކާއި، ފަސިންޖަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.