މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން، ކަރަންޓް ވަޔާ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ، ބާޒާރަށް ނެރެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެމްޑަބްލިޔުއެސްސީން ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފައެވެ. މިގޮތުން، ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރާއި 20 މިލިމީޓަރާއި 25 މިލިމީޓަރާއި 32 މިލިމީޓަރު އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައިއެސްއޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުހާނާއެކެވެ. ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ހާޑްވެއާ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިގްތިސާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެއެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމައު އަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ އިސްވެރިންނާއި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމުން ވަނީ ބައިވެރިވެފައެވެ.