ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް، އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދިނުމާއެކު އެ މެންބަރުން މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ އެއް މެންބަރު ފިޔަވައި ހުރިހާ މެންބަރުން ވަކި ކުރުމަށެވެ. މަގާމުން ވަކިނުކުރަން ނިންމީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ.

އެހެންކަމުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޯދުމަށް މިއަދު ހުޅުވާލާފައިވާއިރު މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިގުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަޖިލީހުގެ ކޮމިޓީން އޭރު މައްސަލަ ބެލިބެލުމުގައި ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭއިރު މި މައްސަލަ ބެލުމަށް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. އަދި ޓްރައިބިއުނަލް އޮފީސް ހިންގަމުންދަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައިގެ އޮފީހަކަށް ވާތީ ދައުލަތަށް މާލީ ބުރަ ކުޑަކުރަން އަންގާފައި ވާއިރު ޓްރައިބިއުނަލްގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައި ވެއެވެ.