ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް 'ފިޗް' އިން ރާއްޖެއަށް ދީފައިވާ ރޭޓިން "ސީސީސީ" އިން "ސީސީ" ގްރޭޑިން އަށް ބަދަލުކޮށްފިއެވެ.
ފިޗްއިން ނެރުނު މައުލޫމާތުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް ހުރިއިރު މިއަހަރުގެ ޖުލައި މަހު 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 20 އިންސައްތަ ދަށްވުމެކެވެ. މި ރިޕޯޓުގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުވެސް ފާހަގަ ކޮށްފައި ވާއިރު ބޭރުގެ ދަރަނީގެ ޖުމްލަ 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2026 ވަނަ އަހަރު 1.0 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށާއި އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދެއްކުން ހިމެނޭ ކަމަށް ފިޗްއިން ބުނެފައެވެ.
ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫއުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ހިމެނެއެވެ.
މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ފާހަގަކުރަމުން ފިޗް އިން ބުނީ ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ވެސް ބޭރުގެ މާލީ އެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ. މީގެ އިތުރުން ފިޗް އިން ވަނީ އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒު ކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައެވެ.
ކްރެޑިޓް ރޭޓިން ދަށް ވި ބައެއް ސަބަބުތައް ފާހަގަ ކުރައްވައި ރާއްޖޭގެ އިގްތިސޯދީ ވަޒީރު ވިދާޅުވެފައި ވަނީ، އެހެން ދިމާވަނީ މިދިޔަ ސަރުކާރުން މާލީ ނިޒާމު ހަލާކުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރިކަމަށާއި، ސެންޓްރަލް ބޭންކް ބެލެންސް ޝީޓު ބޮޑުކުރުމާއި ބޮންޑުތައް ދެއްކުން ލަސްކުރި ކަމަށާއި މި ކަންކަން ކޮށްފައިވަނީ އިންތިހާބުން މޮޅުވުމުގެ ބޭނުމުގައި ކަމަށެވެ.
ފިޗުން ރޭޓިން ސީސީ އަށް ދަށް ކުރި އިރު އެއީ ބޭންކްރަޕްޓް ނުވެ އަރައިގަނެވޭނެ މިންގަނޑެއްކަށް ފާހަގަ ކޮށްފައި ވާ އިރު އެއާ ޖެހިގެން ދަށަށް އޮންނަނީ ޑީޑީޑީ ނުވަތަ ބޭންކްރަޕް ވި ކަން އިއުލާން ކުރާ މިންގަނޑެވެ.