މަސްޖިދުލް އަގްސޯ ތެރޭގައި ފައްޅިއެއް އަޅަން އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާ ބެންގަވީރް ގޮވާލުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ މަސްޖިދުލް އަގްސޯއަކީ 1.8 ބިލިއަން މުސްލިމުންނާ ގުޅިފައިވާ ތާރީހީ މުހިންމު ބިނާއެއް ކަމަށެވެ. އަދި އެއީ ހަމައެކަނި އަޅުކަން ކުރަން ބޭނުން ކުރާ ތަނެއް ނޫން ކަމަށާއި އެއީ އިސްލާމީ ތަރިކައިގެ ރަމްޒެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުން ވަނީ މަސްޖިދުލް އަގްސޯގެ ހުރުމަތް ނުކެނޑުމަށާއި ކަނޑައެޅިފައިވާ ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވުމަށް އިޒްރޭލުގެ ސަރުކާރަށް ގޮވާލާފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ އިސްރޭޒުލު ސަރުކާރުގެ އިސް ވެރިން ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ކަމަށެވެ. އަދ ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ ސަރަހައްދުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށެވެ.
ގުދުސްގެ ގާނޫނީ ހައްގުވެރިކަމަށް ބަދަލެއް އަތުވެދާނެ ފަދަ ކަންކަން ހުއްޓުވުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ. އަދި ގުދުސްގެ ބިނާތައް ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.
ސަރުކާރާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއިއެކީ ތިބިކަން ހާމަކުރަމުން ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ދައުލަތަށް މިނިވަންކަމާއި އިސްތިގުލާލު ހޯދުމަށް ކުރާ ޝަރުއީ އަދި އިންސާފުވެރި މަސައްކަތަށް ދިވެހި ސަރުކާރުން ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގައިވާ ގޮތަށް، ފަލަސްތީނުގެ ސިޔާދަތާއި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލާ ސަރުކާރުން ވަނީ ގޮވާލާފައެވެ.