ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.62 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތެރޭގައި އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 10.20 ކިލޯގެ ކެނެބިސް، 0.680 ކިލޯގެ ކެތިނޯން އަދި 0.740 ކިލޯގެ ހެރޮއިން ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ކެތިނޯން އަތުލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި އަތުލައިގަނެވުނު ހެރޮއިން އާއި ކެނެބިސް އަތުލައިގެންފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް އާންމުކުރަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސް އިން ބުނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށާއި، އޭގެ ލަފާކުރާ މަގުމަތީ އަގު 106،358،952 ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރު އެންމެ ގިނައިން އަތުލައިގަނެފައިވަނީ ކެނަބިސްގެ ބާވަތްތަކެވެ. އެގޮތުން 17.38 ކިލޯގެ ކެނަބިސް އަތުލައިގަނެފައިވާ އިރު، 5 ކޭސް އަކުން 11.60 ކިލޯގެ ހެރޮއިން ވެސް ވަނީ އަތުލައިގަނެފައެވެ. މީގެއިތުރުން ކޮކައިން ގެ 15.64 ކިލޯވެސް ވަނީ އަތުލައިގަނެފައެވެ.