ހުޅުމާލެ ފޭސް 3 ގައި ހުންނަ ރެނާޓާސްގެ އާރުއޯ ޕްލާންޓް ހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ތަނުގައި އަލިފާން ރޯވެގެން މިއަދު 15:32 ހާއިރު އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެއާއެކު ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ރެނާޓާސްގެ އާރުއޯ ޕްލާންޓް ހައުސްގައި ރޯވި އަލިފާން ގަނޑު ނިއްވާލެވިފައިވަނީ 16:36 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ހުޅުމާލެ ފޭސް 3 ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ރޭ ވަނީ ގަލޮޅުގައި ހުރި ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ.

ފަހީމް އިލެކްޓްރިކް ޕްރައިވެޓް ލިމިޓެޑުގެ ގަރާޖުގައި ހިނގި މި ހާދިސާގައި ވަނީ ދެ ބިދޭސީންނަށް އަނިޔާވެފައެވެ. އެއީ ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ބަންގްލަދޭޝް މީހާގެ 6 ޕަސެންޓު ފިހިފައިވާއިރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިންޑިއާ މީހާގެ 3 ޕަސެންޓު ފިހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.