ގަލޮޅުގައި ހުރި ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 8:43 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ކަރަންޓުގައި އަލިފާން ރޯވެގެން ކަމަށެވެ.

ފަހީމް އިލެކްޓްރިކް ޕްރައިވެޓް ލިމިޓެޑުގެ ގަރާޖުގައި ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ ދެ ބިދޭސީންނަށެވެ. އެއީ ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ބަންގްލަދޭޝް މީހާގެ 6 ޕަސެންޓު ފިހިފައިވާއިރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިންޑިއާ މީހާގެ 3 ޕަސެންޓު ފިހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި އަލިފާނުގެ ހާދިސާ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.