ބާކީ މިއޮތް 4 މަސް ތެރޭ ރާއްޖޭގެ އިގުތިސާދު 4.1 އިންސައްތަ ކުރިއަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަހަރުގެ ބާކީ ބައިގައި ރާއްޖޭގެ އިގްތިސާދު 4.1 އިންސައްތަ ކުރިއަރާނެކަމަށާއި އަންނަ އަހަރު 6.1 އިންސައްތައިގެ ކުރިއެރުމެއް އިގްތިސާދަށް ލިބޭނެ ކަމަށް މާލީ ދިރާސާތަކުން ދައްކާ ކަމަށެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ވަޒީރުންގެ މަޖިލީހާއި އިކޮނޮމިކް ކައުންސިލުން އިގްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން ދަޢުލަތުގެ ހަރަދުތައް ކުޑަކޮށް ރާއްޖެއަށް ވަންނަ އާމްދަނީ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތަކަށް ސިޔާސަތުތަކެއް ބައްޓަންކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

ސައީދު ވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ މާލީ ހާލަތު އޮތީ ނާޒުކު ހާލެއްގައި ކަމަށް ވިދާޅުވެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވެސް ވެފައިވަނީ އިގްތިސާދު ފުޅާކޮށް މާލީ ހާލަތު ރަނގަޅުކުރުމާއި ދަރަނިތައް އަދާކުރުމަށްކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މި އަހަރުގެ ފަހު ކޮޅަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ދުވަސްވަރަށް ވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން އާމްދަނީ އިތުރުވެގެން ދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ.