ސަރުކާރުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓް ބިލު މިހާރު އޮތް ގޮތުން ކައުންސިލްތަކުގެ ބާރު ގެއްލޭނެ ކަމަށް ބުނެ، އެ ބިލުގެ ބައެއް މާއްދާތަކާ މެދު ޑިމޮކްރެޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށަހެޅުއްވި އެ ބިލުގައި އާބަން ސަރަހައްދުތައް ކަނޑައަޅައި އެ ސަރަހައްދުތައް ތަރައްގީކުރުމުގެ ބާރު ދެނީ އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީއަށެވެ. އެގޮތުން ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދެއް ކަމަށް ވިޔަސް، އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީކުރާނީ އެ އޮތޯރިޓީންނެވެ.
މީގެ އިތުރުން، އެފަދަ ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންނާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، މިހާރު މީހުން ދިރިނޫޅޭ ސަރަހައްދެއް ނަމަ އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް އެ އޮތޯރިޓީއަށް ލިބޭނެ ކަމަށް ވެސް، ބިލުގައިވެއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ޑިމޮކްރެޓުން ބުނީ، އާބަން ޑިވެލޮޕްމެންޓް ބިލު މިހާރު އޮތް ގޮތުން އާބަން ސަރަހައްދެއް ކަމަށް ކަނޑައަޅާ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީކުރުމުގައި ކައުންސިލްތަކުގެ ދައުރު ނެތިގެން ދާނެ ކަމަށާއި އެގޮތަށް މި ބިލު ފާސްވެއްޖެ ނަމަ، ގާނޫނުއަސާސީ ތަސައްވުރުކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ އާބަން ސެންޓަރުތައް ގޮތުގައި ކަނޑައެޅޭ ސަރައްހައްދުތަކުގައި އެކީ ނެތިދާނެ ކަމަށެވެ.
އެ ޕާޓީން ބުނީ، އާބަން ޑިވެލޮޕްމެންޓް ބިލު މިހާރު އޮތީ ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޔަގީންކަމާ ދިމާ އިދިކޮޅަށް ކަމަށެވެ.
ޑިމޮކްރެޓުން ބުނީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅާއި ރަސްމާލެ ހިއްކައި ތަރައްގީކުރަމުން ދަނީ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނެ ކަމަށް ބަޔާންކުރާ ލާމަރުކަޒީ އުސޫލުން ކަމަށެވެ.
ބިލާ ގުޅޭ ގޮތުން އެ ޕާޓީން އިތުރަށް ބުނި ގޮތުގައި:
- ލާމަރުކަޒީ ނިޒާމު ހިންގައި ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ވާޖިބުކަމެއް، އިހުތިޔާރީ ކަމެއް ނޫން
- އެހެންކަމުން އާންމުންނާއި ކައުންސިލްތަކުގެ ބައިވެރިވުން އޮންނަ ގާނޫނުތައް އެކުލަވާލާ އިސްލާހު ވާން ވާނީ ހަގީގަތުގައި ވެސް 'އިސްލާހަކަށް،' ފަހަތަށް އެޅޭ ފިޔަވަޅަކަށް ނޫން
އެހެންކަމުން އެކަމާ ގުޅުންހުރި މާއްދާ ބަދަލުކުރުމަށް ޑިމޮކްރެޓުން ވަނީ ގޮވާލައިފައެވެ.
ޑިމޮކްރެޓުންގެ އިތުރުން އެމްޑީޕީން ވެސް ވަނީ އާބަން ޑިވެލޮޕްމެންޓް ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ މި ބިލުގެ ސަބަބުން ކައުންސިލްތަކުގެ ދައުރު ހަނިވެގެންދާނެ ކަމަށެވެ.