ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ފާސްވާ ދަރިވަރުންގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ދަށް ކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

'ތައުލީމަށް އިންގިލާބީ ބަދަލެއް،' މި މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، 2،000 ގެ ކުރީކޮޅު ޔުނިވާސަލް ގޯލް އޮފް ޕްރައިމަރީ އެޑިއުކޭޝަން ފުރިހަމައަށް ރާއްޖެއިން ހާސިލްކޮށްފައިވާ ކަމަށާއި، ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ސާނަވީ މަރުހަލާގައި ކިޔަވާ ކުދިންގެ އަދަދު ނިސްބަތުން ރާއްޖޭގައި ގިނަ ކަމަށެވެ.

ނަމަވެސް ސާނަވީ ތައުލީމުގެ މަރުހަލާ ނިންމާ ދަރިވަރުންގެ ތެރެއިން 2013 އާއި 2014 ވަނަ އަހަރު ފާސްވި ދަރިވަރުންގެ ނިސްބަތް ހުރީ 45 ޕަސެންޓާއި 50 ޕަސެންޓުގެ ދެމެދުގައި ކަމަށާއި، އޭގެ 10 އަހަރު ފަހުން ވެސް ސާނަވީ ތައުލީމް ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ފާސްވި ދަރިވަރުންގެ ނިސްބަތް 50 ޕަސެންޓު ފަހަނަހަޅާ ނުދާކަން، ރަސްމިއްޔާތުގައި ދެއްކެވި މިނިސްޓްރީގެ ތަފާސްހިސާބުގެ އަލީގައި މިނިސްޓަރު ވިދާޅުވިއެވެ.

މިއީ އާންމުން، ހާއްސަކޮށް ތައުލީމީ ދާއިރާގެ އިސްވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑު ހޭދައެއްކޮށް އެތައް އިންވެސްޓްމެންޓެއް ކުރެވި ރާއްޖޭގެ ބޭރުގެ އޭޖެންސީސްތައް، ހާއްސަކޮށް ޔުނިސެފް ވޯލްޑް ބޭންކް ފަދަ އޭޖެންސީސްތަކުން އަޅުގަނޑުމެންނަށް ކެނޑިނޭޅި އެހީތެރިވަމުން ދާއިރުގަ، ސާނަވީ މަރުހަލާ ނިންމާ ދަރިވަރުންގެ އަދަދު 50 އިންސައްތަ އާ ހަމައިގަ 2023 އަދި 2024 ގަ ހުރުމަކީ އެއީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން،"
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ސާނަވީ ތައުލީމްގެ އިތުރުން މަތީ ސާނަވީ ތައުލީމް ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ވެސް ފާސްވާ ދަރިވަރުންގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ދަށްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އޭގެން ދޭހަވަނީ އެ ދަރިވަރުން ފެންވަރު ރަނގަޅު ޔުނިވާސިޓީތަކަށް ދިއުމަށް ފާސްކޮށްނުދެވޭ ކަން ކަމަށެވެ.

މިއީ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް، އަދި ދޫކޮށްނުލެވޭނެ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ނެޝަނަލް އެސެސްމެންޓް އޮފް ލާނިންގެ މައުލޫމާތަށް ބަލާއިރު 2015 އިން ފެށިގެން މި އަހަރުގެ ނިޔަލަށް ނެގިފައިވާ މައިގަނޑު ހަތަރު އެސެސްމެންޓަށް ބަލާލުމުން ޓްރެންޑް ހުރީ ގްރޭޑް 3 ގެ އިނގިރޭސި ނޫނީ ދިވެއްސާއި ހިސާބުގެ ނަތީޖާތައް ދަށަށް ދާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދަރިވަރުންގެ ލިޓެރެސީ އާއި ދަރިވަރުންގެ މެތެމެޓިކްސް ސްކިލް އަޅުގަނޑުމެންނަށް ޕްރައިމަރީ ގްރޭޑްގަ ނުހިފެހެއްޓޭ ކަމުގަ ވަނީ ނަމަ އޭގެ ހަގީގީ އަސަރު އިމްޕެކްޓް ކުރާނީ އެ ދަރިވަރުންގެ ސާނަވީ މަރުހަލާގެ ނަތީޖާއިން އޭ ލެވެލްގެ މަރުހަލާގެ ނަތީޖާ އަށް، މިއީ އަޅުގަނޑުމެން މިހާރު އެޑްރެސްކުރަން އުޅޭ އިޝޫއަކީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބަހުގެ ހުނަރާއި ހިސާބުގެ ހުނަރު ރަނގަޅުކޮށްގެން ނޫނީ ސާނަވީ މަރުހަލާގެ ނަތީޖާ ރަނގަޅުކުރުމަށް ދަތިވާނެ ކަމަށެވެ.