ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނައިބު އުނިކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ހިމެނޭހެން ހަތް ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިހާރު ބާ ކައުންސިލް އެކުލެވިފައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުކުރެވޭ ހަ ވަކީލުންނެވެ.

އެ ގާނޫނަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ބަންޑާރަނައިބު އުނިކުރުމުން ދެން ތިއްބަވާނީ ބާ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އިންތިހާބުކުރެވޭ ހަތް ވަކީލުންނެވެ.

އަދި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެ ތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހީންނަށް ބައެއް ލިޔެކިއުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށް ވެސް މި ގާނޫނަށް އިސްލާހު ހުށަހަޅާފައިވެއެވެ.

މި އިސްލާހު ފާސްވީ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރުގެ ލަފާގެ މަތިން ސިއްހީ ހިދުމަތްދިނުމުގެ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނެ ޑިރެކްޓަރު ޖެނެރަލެއް އައްޔަންކުރަން ޖެހޭ ގޮތަށާއި، ދެމެހެއްޓެނިވި ވަށާޖެހޭ އުސޫލަކުން ސިއްހީ ފަރުވާގެ ނިޒާމެއް އޮންނަން ޖެހޭނެ ގޮތަށާއި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމް ތަރައްގީކުރެވިގެން ދާނެ ގޮތް ބަޔާންކުރާ މާސްޓާޕްލޭނެއް އެކުލަވާލަން ޖެހޭ ގޮތަށް ސިއްހީ ހިދުމަތްދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ވަނީ ފާސްކޮށްފައެވެ.

ހަަމަ އެހެންމެ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް ބަޔާންކޮށް ހުށަހެޅި ފޮރިން އިންވެސްޓްމެންޓްގެ ބިލާއި، އެ ބިލާ ގުޅުންހުރި އިސްލާހުތައް ހުށަހަޅާފައިވާ ވިޔަފާރި ރަަޖިސްޓްރީކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ވަނީ ފާސްކޮށްފައެވެ.

އަދި ރަށު ފެންވަރާއި ސަރަހައްދީ ފެންވަރާއި ސިޓީ ފެންވަރުގައި ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ އޮނިގަނޑެއް އެކުލަވާލާ ހުށަހަޅަން ޖެހޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި އެ ބިލާ ގުޅުންހުރި އިސްލާހުތައް ހުށަހަޅާފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ވަނީ ފާސްކޮށްފައެވެ.