2023 ގެ މެއި ގައި ޔޫކްރައިން އިން ރަޝިއާގެ ވެރިރަށަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއަށް ފަހު މިހާތަނަށް އެންމެ ގިނަ ޑްރޯން ބޭނުން ކުރި ހަމަލާ އިއްޔެ ރޭ ދީފިއެވެ.
ޖުމްލަ 45 ޑްރޯނެއް ބޭނުން ކުރި އިރު 11 ޑްރޯނެއް ވެރިރަށް މޮސްކޯ އާ ދިމާއަށް ފޮނުވާލިއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ، އެ ހުރިހާ ޑްރޯނެއް ވެސް ވައިގެ ތެރޭގައި ނައްތާލެވުނު ކަމަށާއި މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
2023 ގައި ޔޫކްރައިން އިން ދިން ޑްރޯން ހަމަލާގައި ކްރެމްލިންގައި ހުންނަ ޕުޓިންގެ ގަނޑުވަރަށް ހަމަލާ އެރިއެވެ. އަދި މޮސްކޯ އާ ކައިރި ބައެއް ސަރަހައްދުރަކަށް ވެސް ހަމަލާ އެރިއެވެ.
އިއްޔެ ދިން މިހަމަލާގައި ބޯޑަރު ސަރަހައްދުގެ ބްރިޔާންސްކް އަށް 23 ޑްރޯން، ބޯޑަރު ސަރަހައްދުގެ ބެލްގޮރޮޑް އަށް 6، ކަލުގާ ސަރަހައްދަށް 3 އަދި ކާސްކް ސަރަހައްދަށް 2 ޑްރޯން ފޮނުވާލި ކަމަށް ރަޝިއާގެ އިދާރާތަކުން ބުނެފައި ވެއެވެ. މީގެ އިތުރުން އުތުރު ފަޅިން މޮސްކޯ އާ ގުޅޭ ތޫލާ އަށް ވެސް 2 ޑްރޯނެއް އަމާޒުވި ކަމަށާއި އެވެސް ނައްތާލި ކަމަށް ރަޝިއާ ސަރުކާގެ ނޫސް އެޖެންސީ އާރުއައިއޭ އިން ބުނެފައި ވެއެވެ.
ޔޫކްރައިންގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި އެއްގަމު މަގުން އެކި ސަރަހައްދުތަކަށް ހަތިޔާރާއި ސިފައިން އުފުލުމަށް ބޭނުން ކުރާ ބައެއް ބްރިޖްތައް ވެސް ޔޫކްރައިން އިން ވަނީ ގޮއްވާލާފައެވެ. އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރައިން އިން ހިންގަމުންދާ މި އޮޕަރޭޝަން ކާމިޔާބު ވަމުން އަންނަ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކާސްކް ސަރަހައްދުން ކުރިއަރަމުން ދާ ޔޫކްރައިންގެ ފައުޖުތަކުން ޖުމްލަ 1263 ސްކެއާކިލޯމީޓަރުގެ ސަރަހައްދު ހިފައިފި ކަމަށާއި އަދިވެސް އެތެރެއަށް ވަންނަމުން ދާ ކަމަށް ބުނެފައި ވެއެވެ.
ޔޫކްރައިން އިން ކާސްކް ސަރަހައްދުން ހިފަމުން ރަޝިއާގެ ތެރެއަށް ވަންނަމުން ދާއިރު ރަޝިއާއިން ދަނީ ޑޮނެކްސް ސަރަހައްދު ހިފަމުން ޔޫކްރައިންގެ ތެރެއަށް ވަންނަމުންނެވެ. ޑޮނެސްކް އަކީ ޔޫކްރައިން ސިފައިން ގާއިމުވެ ތިބި މުހިންމު ދިފާއީ ސަރަހައްދެއް ނަމަވެސް ހަނގުރާމަ ފެށިތާ ކައިރީގައި ރަޝިއާ ސިފައިން ޑޮނެސްކްގެ ދެބައިކުޅަ އެއްބައި ހިފާފައި ވުމުން ދެން އޮތްބައި ހިފެހެއްޓުމުގައި ޔޫކްރައިން ސިފައިންނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
ޔޫކްރައިން އިން ރަޝިއާއަށް ދިން މި ޑްރޯން ހަމަލާގެ ބަދަލު ހިފާނެ ގޮތެއްގެ ވާހަކަ ރަޝިއާގެ އޮފިޝަލުން އަދި ދައްކާފައެއް ނުވެއެވެ.