ކ. ތިލަފުށީގައި ހުރި މެރައިންޑޯ ޕްވައިވެޓް ލިމިޓެޑްގެ ގުދަނުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ދަނީ ކުރަމުންނެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާއިރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޅި އެ ސަރަހައްދުގައި ވަނީ ދުން ބޯވެފައެވެ.
އަދި މި ހާދިސާގައި ދުމުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ފިހިގެން އެކަކު މާލޭގައި ހުންނަ އިއިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެމްއެންޑީއެފަށް ރިޕޯޓު ލިބުނު ކަމަށް ބުނެފައި ވެއެވެ.
އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެންމެން ސަލާމަތުން ތިބި ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ އިރު، އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެ ކަމަށާއި ނަމަވެސް އަދި އެއްކޮށް ނުނިވޭ ކަމަށް އެމްއެންޑީއެފް އިން ދާދި ދެންމެ ބުނެފައި ވެއެވެ.