އައިލެންޑް އޭވިއޭޝަންގެ ސާވިސަސް (އައިއޭއެސް)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު އެ މަގާމުން ވަކިކޮށްފިއެވެ.

މިހާދު ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި މަގާމަށް އިތުރު ބޭފުޅަކު އަދި އައްޔަން ކޮށްފައެއް ނުވެއެވެ.

މިހާދު އައިއޭއެސްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރީ ޖެނުއަރީ 9 ގައެވެ. މިހާދު ވަނީ ކުރީ ސަރުކާރުގައި އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. މިހާދު އައިއޭއެސްގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ 2021 ވަނަ އަހަރު އެވެ. ނަމަވެސް އެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސާ އޭގެ ފަހުން މިހާދު ވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް ބަދަލުކޮށްފައެވެ.

މިހާދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.