ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އެންމެންގެ ވަނަވަރު އާންމު ކޮށްފިއެވެ.

ޝަމީމަށް ހަމަލާ ދީފައި ވަނީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ. ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، މަރުތޭލެއް ބޭނުން ކޮށްގެންނެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. އަދި ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާވެސް ދީފައެވެ.

އެ ހަމަލާގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެއާއެކު ފުލުހުން ވަނީ އެ ކަމުގެ ތުހުމަތުވާ އެންމެންގެ ވަނަަވަރުވެސް އާންމުކޮށްފައެވެ. އެ މީހުންނަކީ ޝަމާލް ހުސައިން (21އ) - ތ. ގާދިއްފުށި، ޒަޔާން ނަސީރު (23އ) - އދ. މާމިގިލި، އަބާން އަބްދުއްހަންނާން (23އ) - ތ. ދިޔަމިގިލި، ރަޖުވާން ލަތީފް (22އ) - ލ. މާމެންދޫ، މިދުހަތު އާދަމް (24އ) - ރ. އަލިފުށި، މުހައްމަދު ޖަޒްލާން (22އ) - ލ. ގަން އަދި އަހްމަދު މައިސާން ހާޝިމް (20 - ކ. މާލެ އެވެ.

ފުލުހުން ވަނީ މީގެ ކުރިން ތިން މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ. އެ މީހުންނަކީ މިދުހަތު އާދަމާއި މުހައްމަދު ޖަޒްލާނުގެ އިތުރުން ޒަޔާން ނަސީރުއެވެ.

ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އަދި އެ މީހުން ތިބީ މޫނު ނުފެންނާނެ ހެން ހެދުމަށްޓަކައި ހެލްމެޓުވެސް އަޅައިގެން ކަމަށް މައުލޫމާތުލިބެއެވެ.