ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ބަލަން ހައިކޯޓުން ދަށު ކޯޓަށް އެންގި މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތުގައި ރިޝްވަތު ގަބޫލު ކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ.

އެ ނިންމުން ނިންމިތާ 4 މަސްފަހުން ޝަރީއަތް އަލުން މިއަދު ފެށިއިރު އަޑު އެހުމުގައި ވަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ނިންމާފައެވެ. އެގޮތުން ޔާމީންގެ ފަރާތުން ދެ ކަމަކަށް އެދިވަޑައިގަތެވެ. އެއީ ހައި ކޯޓުން އަންގާފައިވާ ގޮތަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ބައި ފުރަތަމަ ކުރިއަށް ގެންދިއުމުގެ އިތުރުން ލައިވްކޮށް ދުރަށް ދައްކާގޮތަށް މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ. މި ދެ ކަމަށް ދައުލަތުން އިއުތިރާޒްކޮށްފައި ނުވެއެވެ.

މީގެ އިތުރުން ޝަރީއަތް ބޭއްވުމަށް ދެ ފަރާތަށް ފަސޭހަ ވަގުތެއް ސާފުކޮށް، ސެޕްޓެމްބަރު 16، ވަނަ ދުވަހު ހެނދުނު އަޑުއެހުމެއް ބޭއްވުމަށް މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފައެވެ. މި މައްސަލާގައި ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއް ފަރާތްކޮށް އަލުން މައްސަލާގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް އަޑު އެހުންތައް ފަށާފައި ނުވެއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އާރަށު މައްސަލާގައި ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން ވަނީ ދަށު ކޯޓަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ އަޑު އެހުންތައް ފަށާފައި ނުވެއެވެ.

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ވަނީ ކޮށްފައެވެ.