ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެ، އެކި ވަރުގެ ގެއްލުން ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރޭ ކުރި ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށި ސިޓީ ހިމެނޭހެން އުތުރުގެ ހަތަރު ރަށަކަށް އެކި ވަރުގެ ގެއްލުން ވެފައި ވެއެވެ.

އެ އިދާރާއިން 'އެކްސް'ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ކުޅުދުއްފުށީގެ 57 ގެއަކަށް، ހއ. ހޯރަފުށީގެ ދެ ގެއަކަށް، އަދި ށ. ނޫމަރާ އާއި އެ އަތޮޅުގެ ފީވަށް، މިއިން ކޮންމެ ރަށަކުން ފަސް ގެއަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ވެފައިވެއެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ކުޅުދުއްފުށީގެ ފަސް ގެއަކުން މީހުން ބަދަލުކޮށްފައިވާ ކަމަށް ވެސް، އެންޑީއެމްއޭއިން ހިއްސާކުރި މައުލޫމާތުގައި ވެއެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ހދ. ހަނިމާދޫ ހިމެނޭ ސަރަހައްދަށް ވިދާ ގުގުރުމާ އެކު ވާރޭ ވެހޭނެއެވެ. އަދި ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.