ސްކޭމްކުރުން ހުއްޓުވުމަށް ފުލުހުންނަށް ބާރުތައް ލިބޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހަށް އުސޫލެއްގެ ގޮތުން ތާއީދުކުރާ ކަމަށާއި، ނަމަވެސް މައްސަލަ ހައްލުވާނީ ބޭންކިން ގާނޫނު އިސްލާހުކޮށްގެން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ބުނެފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އަށް، މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓްގެ ފައިސާ އޮޅުވާލައިގެން ނަގަމުންދާކަން ފާހަގަވާނަމަ، އެކައުންޓްގައިވާ ފައިސާގެ އިތުރުން ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރެވުނު އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އެދެވިދާނެ ކަމަށް އިތުރުކުރުމަށެވެ.

ހަމަ އެހެންމެ ކޯޓު އަމުރަކަށް އެދޭ މުއްދަތުގައި ކޯޓަށް ހުށަހެޅި ހުށަހެޅުމާ މެދު ނިންމަން އެ ކަނޑައަޅާ މުއްދަތުގައި އެކައުންޓްގައިވާ ފައިސާ ނުވަތަ ޓްރާންސްފާކުރެވުނު އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ފުލުހުންނަށް އަމުރު ނެރެވޭނެ ގޮތަށް ހެދުމަށާއި އެ އަމުރު ލަސްނުކޮށް އެ އެކައުންޓެއް ހުޅުވާފައިވާ ބޭންކަށާއި އެމްއެމްއޭއަށް އަންގަންވާނެ ކަމަށް ވެސް، އެ އިސްލާހުގައިވެއެވެ.

މި އިސްލާހު ހުށަހަޅުއްވަމުން މުހައްމަދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން، ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ އަދި އެކަމުގައި ބައިވެރިވާ މީހުންގެ އެކައުންޓްތަކުގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދުމުގެ ފުރުސަތު އޮތް ނަމަވެސް ކުށްކުރުމަށް ބޭނުންކުރާ ތިންވަނަ ފަރާތްތަކުގެ އެކައުންޓްތަކުގައިވާ ފައިސާ ހިފެހެއްޓުމުގެ ފުރުސަތެއް ނޯންނަ ކަމަށެވެ.

އެހެންކަމުން މި އިސްލާހު ހުށަހަޅުއްވަނީ އޭނާ ވިދާޅުވި ގޮތުގައި، ސްކޭމްގެ މައްސަލަ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު އާންމުންނަށް ގިނަ ގެއްލުން ލިބެމުންދާތީ، ސްކޭމްގެ މައްސަލަތަކުގައި ހިމެނޭ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށްދިނުމަށާއި، އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ވަގުތީގޮތުން ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓްތަކުގައިވާ ފައިސާ ހިފަހައްޓައި އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެންހުރި މަސައްކަތްކުރުމަށް ފުލުހުންނަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، މުހައްމަދު ހުށަހެޅުއްވި އިސްލާހަށް އުސޫލެއްގެ ގޮތުން ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް މި އިސްލާހު ހުށަހަޅާފައިވާ ގޮތުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

އެގޮތުން މި އިސްލާހު ހުށަހެޅިފައިވާ ގޮތުން ސްކޭމްގެ މައްސަލައެއްގައި ހިމެނޭ އެކައުންޓް ފްރީޒްކުރެވިއްޖެ ނަމަ، ކަމާ ނުބެހޭ ފަރާތްތަކަށް ވެސް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައްލަވާ، [މިސާލަކަށް] އަޅުގަނޑު ވަގަށް ނެގި ލާރިއެއް، މި ދަނީ ފިހާރައަކަށް ކޮންމެވެސް އެއްޗެއް ގަންނަން، [ގޮއްސަ] ޓްރާންސްފާކޮށްލީ، އެ ފިހާރައިގެ އެކައުންޓް ފްރީޒްކޮށްލައިފިއްޔާ، މި ލާރީގެ ސަބަބުން (ފޮނުވި ލާރީގެ ސަބަބުން) ފްރީޒްކޮށްލައިފިއްޔާ އެ ވިޔަފާރި އެއްކޮށް އެ ވަގުތަށް ހުއްޓުނީ،"

ރިފާއު ވިދާޅުވީ، ގިނަ ވިޔަފާރިތައް ހިންގަނީ ފައިސާ އެކައުންޓްތަކަށް ޓްރާންސްފާކުރެވޭ އުސޫލުން ކަމަށްވާތީ މި އިސްލާހުގެ ބަސްމަގު ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އިސްލާހު ފަރުމާކުރެވިފައި ވާން ވާނީ ޓްރާންސްފާކުރެވޭ އަދަދު ހިފެހެއްޓޭނެ ފަދަ ގޮތަކަށެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ވިދާޅުވީ، ރާއްޖޭގައި ސްކޭމްގެ މުއާމަލާތް ކުރަނީ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓަކަށް ޖަމާކޮށްފައި ހުންނަ ފައިސާ ހޯދައި އެއް އެކައުންޓަށް ޓްރާންސްފާކޮށް މަދު ހިނދުކޮޅެއްގެ ތެރޭ އެތައް އެކައުންޓްތަކަށް އެ ފައިސާ ޓްރާންސްފާކޮށްގެން ކަމަށާއި، ފުލުހުން މީގެ ކުރިން އާންމު ކުރި މައުލޫމާތަށް ބަލާއިރުވެސް ކަން ހިނގާ ގޮތަކީ މިއީ ކަމަށެވެ.

އޭނާ ވިދާޅުވީ، މި އިސްލާހުން ފުރިހަމަ ހައްލެއް ނުލިބޭ ކަމަށެވެ.

"މިސާލަކަށް ކޯޓު އަމުރެއް ހޯދައިގެން ނޫނީ ކޯޓު އަމުރެއް ނުހޯދައި ވެސް ފުލުހުން ބޭންކަކާ މުއާމަލާތުކޮށް އެކައުންޓެއް ފްރީޒްކުރަން އެދޭއިރުވެސް އެ އެކައުންޓްގަ ހުރި ފައިސާ އެހެން އެތައް ސަތޭކަ އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެ ފައިސާގެ އަސްލު އޮންނަނީ ގެއްލިފަ،" އަޒާން ވިދާޅުވިއެވެ.

އެހެން ގައުމުތަކުގައި ސްކޭމްގެ މައްސަލަ ހައްލުކުރަނީ ބޭންކިން ނިޒާމްގެ ތެރެއިން ކަމަށް ވިދާޅުވެ، ބޭންކްތަކުން އެކަން ކުރަނީ އެކައުންޓެއްގެ ފައިސާ ދައުރުވާ ގޮތް ބަލައި، އޮޓޮމެޓިކުން އެ ފައިސާ ދައުރުވުން ހުއްޓުވުމާއި، ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފާކުރިއަސް ސެޓްލްނުކޮށް ބަހައްޓައިގެން ކަން އަޒާން ފާހަގަކުރެއްވިއެވެ. އެހެންކަމުން އޭނާ ހުށަހެޅުއްވީ ރާއްޖޭގެ ބޭންކިން ގާނޫނު އިސްލާހުކޮށް އާންމުން ހޭލުންތެރިކުރުވުމަށެވެ.

އަޒާން ދެއްކެވި ވާހަކައަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ތާއީދުކުރެއްވިއެވެ.

"އެހެން ކަމަށްވާނަމަ މިކަމަށް އިސްނަގައިގެން ގާނޫނީ އޮނިގަނޑުގެ ތެރެއިން ބޭންކިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަނެ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެކުއެކީ ގެނައުން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ދެކެނީ،" ހުސްނީ ވިދާޅުވިއެވެ.

މި އިސްލާހު ވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފައެވެ.