ޔޫކްރައިން އާއި ރަޝިއާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ކާސްކް ސަރަހައްދުން ޔޫކްރައިން ސިފައިން ރަޝިއާގެ ތެރެއަށް ވަންނަމުން ދާ އިރު ރަޝިއާ ސިފައިން ދަނީ ޑޮނެސްކް ސަރަހައްދުން ޔޫކްރައިން އަށް ވަންނަމުންނެވެ.
ހަބަރުތައް ބުނާގޮތުން ޑޮނެސްކްގެ ޒަލެޒްނީ އަވަށް ރަޝިއާއިން މިހާރު ވަނީ ހިފާފައެވެ. އެ ސަރަހައްދަކީ މިހާރުވެސް 53،000 އެއްހާ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވާ އިރު ދަރިކޮޅު ގޮވައިގެން އާއިލާތަކުން އެ ސަރަހައްދުން ފޭބުމަށް ޔޫކްރައިންގެ ސަރުކާރުން އެމީހުންނަށް ވަނީ އަންގާފައެވެ.
ހަބަރުތައް ބުނާގޮތުން އެ ސަރަހައްދުން ރަޝިއާ ސިފައިން ކުރިއަރައިގެން ދާލެއް އަވަސް ކަމުން، އަވަސް ފިޔަވަޅުތަކަކާއެކު އާންމުން ފައިބަން އަންގާފައި ވާ އިރު ކާސްކް ސަރަހައްދުން ޔޫކްރައިން ސިފައިން ރަޝިއާގެ ތެރެއަށް ވަދެގެން ދަނީވެސް އެހާމެ ހަލުވި ސްޕީޑެއްގައެވެ. ކާސްކް ސަރަހައްދުން މިހާތަނަށް 85 އާބާދީއެއް ނުވަތަ އަވަށެއް ޔޫކްރައިން ސިފައިން ހިފާފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޑޮނެސްކްގެ ޕޮކްރޮކްވްސްކް އަކީ ޔޫކްރައިން ސިފައިންގެ ދިފާއު އެންމެ ވަރުގަދަ ކޮށްފައި އޮތް އެއް ސަރަހައްދު ނަމަވެސް 2022 ގެ ފެބްރުއަރީގައި ހަނގުރާމަ ފެށުނުތާ ކައިރީގައި ރަޝިއާއިން ވަނީ ޑޮނެސްކްގެ ބޮޑުބައެއް ހިފާފައެވެ.
މުރާސިލުން ބުނާގޮތުން މިހާރު ދެމުން ގެންދާ ހަމަލާތަކާއެކު ލަސްތަކެއް ނުވެ މުޅި ޑޮނެސްކް ރަޝިއާ ސިފައިންގެ އަތްދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ކާސްކް ސަރަހައްދުން ޔޫކްރައިން ސިފައިން ރަޝިއާގެ ތެރެއަށް ވަދެގަތީ މި އޮގަސްޓް މަހުގެ 6 ގައެވެ. އެ އޮޕަރޭޝަންގައި ގާތްގަނޑަކަށް 1000 ކިލޯމީޓަރުގެ ސަރަހައްދެއް ޔޫކްރައިންގެ އަތްދަށަށް ވަނި ގެންގޮސްފައެވެ. އެއާއެކު މިހާރު ކުރަމުން ދާ މަސައްކަތަކީ، ރަޝިއާ ސިފައިންނަށް އެސަރަހައްދުން ކުރިއަރައިގެން ދެވުނަ ނުދިނުމަށް ބަފާ ޒޯނެއް ގާއިމުކޮށް އިތުރު ހަތިޔާރާއި ސިފައިން ފޮނުވައިގެން އެސަރަހައްދު ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. މިއާއެކު ވައިގެ މަގުންނާއި އެއްގަމު މަގުން ދޭ ހަމަލާތައް ވަރުގަދަކޮށް ކާސްކްގެ އެތެރޭގައި ރަޝިއާ ސިފައިން ގާއިމުވެ ތިބި ތަންތަނަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. އަދި އެހެން 2 ސަރަހައްދެއްގައި ސިފައިންނާއި ހަތިޔާރު އުފުލުމަށް ރަޝިއާއިން ބޭނުން ކުރާ 2 ބްރިޖެއްވެސް ޔޫކްރައިން އިން ވަނީ ގޮއްވާލާފައެވެ.
ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހަނގުރާމަ ވަރުގަދަ ވެފައި ވާ މި ދަނޑިވަޅުގައި ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ، ޔޫކްރައިން އިން ކާސްކްގެ ތެރެއަށް ވަދެގަތީ އެމެރިކާއިން 'ގޯ' ދީގެން ކަމަށާއި އެހެން ނޫންނަމަ ޔޫކްރައިނަށް އެކަން ކުރާކަށް ނުކެރުނީސް ކަމަށެވެ.
ރަޝިއާ އަކީ އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރަށް ވާއިރު ފާއިތުވި 9 އަހަރުގެ ތެރޭގައި އެއްވެސް ބަޔަކަށް ރަޝިއާގެ ސަރަހައްދަށް ވަންނަން ކެރިފައެއް ނުވެއެވެ.