ސްޕެނިޝް ލަ ލީގައި މިދިޔަ ސީޒަން ހޯދި ރިއާލް މެޑްރިޑް މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެއްޖެއެވެ.
ރިއާލް އެއްވަރުވީ 1-1 އިން މަޔޯކާއާ ކުޅެއެވެ. މިމެޗަކީ މި ސީޒަންގައި ރިއާލްއާ ގުޅުނު ފްރާންސްގެ ކުޅަދާނަ ފޯވަޑް ކިލިއަން އެމްބާޕޭ ލީގުގައި އެޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
މިދިޔަ ހަފްތާގައި ކުޅުނު ޔޫއެފްއާ ސުޕާ ކަޕް މެޗުގައި އިޓަލީގެ އެޓަލާންޓާ ކޮޅަށް ގޯލު ޖަހާ ރިއާލްއަށް ތަށި ހޯދައިދިން އެމްބާޕޭއަށް ރޭގެ މެޗުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެން ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް އޭނާއަށް ލިބުނު އިރު މިއީ 25 އަހަރުގެ އެމްބާޕޭ ފްރާންސުން ބޭރުގައި ލީގު މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. އޭނާ ކެރިއަރު ފެށި ފްރާންސްގެ މޮނާކޯއާ އެކުއެވެ. އެއަށް ފަހު ދެން ބަދަލުވީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ރިއާލުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ވެނީސިއަސް ޖޫނިއާ ދިން ބެކް ހީލު ޕާހެއް ގޯލުގެ ތެރެއަށް ވައްދާލާ މި ހިތް ގައިމު ލަނޑު ޖަހާ ދިނީ ރޮޑްރީގޯއެވެ.
އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ މަޔޯކާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޑެނީ ރޮޑްރީގޭޒްގެ ހުރަހަކުން ވެޑާތް މުރުގީއެވެ.
ދެ ޓީމު އެއްވަރު ވެގެން މެޗު ނިމެން ދިޔަ އިރު މެޗުގެ 97 ވަނަ މިނެޓްގައި ރިއާލްގެ ފާލެންޑް މެންޑީ ކުރި ނުރައްކާތެރި ފައުލަކަށް އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.