ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ގާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ފްލޯޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، ފްލޯޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަލެގްޒަންޑާ ފުލެސަންއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

އެމްޑަބްލިޔުއެސްސީ އާއި ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރ.އޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތައް ކުރިއަށް ގެންދާނެއެވެ. އަދި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެން އުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މި ދިރާސާގައި އެ ކުންފުނީގެ މައިގަނޑު ދައުރަކަށްވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީ އިން ބުނީ ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވާއިރު، މިދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމްކުރެވެއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ގާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ހަރަދު ކުޑަކުރެވިގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްޑަބްލިޔުއެސްސީ އިން ބުނީ މިދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ރައްކައުތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާއީ އަދި އިގްތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިނިޒާމް މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.