ރަޝިއާގެ ގޮނޑުދޮށް ސަރަހައްދެއް ކަމަށް ވާ ކަމްޗަކްތާގައި ހުންނަ ޝިވެލޫޗް އަލިފާން ފަރުބަދަ ގޮވާ 5 މޭލު މައްޗަށް އަޅިތައް އަރައިގެން ގޮސްފިއެވެ.

ރިކްޓާ މިންގަނޑުން 7 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ފަރުބަދަ ގޮވައިގެން ދިޔަ އިރު ބޭރުވެގެން ދިޔަ އަލިފާނުގެ ވިދުވަރާއެކު އަޅިތައް އަރައިގެން ދިޔަ މަންޒަރުން ސިފަ ވީ، ވިދާ ވިދުވަރެއް ފަދައިން ޖައްވު އަލިކޮށްލާފައި ވާ ގޮތަށެވެ.

ރަޝިއާގެ އިރުމަތީ ބިތުގެ ސިސްމޮލޮޖީ ޑިޕާޓުމަންޓުން އާންމު ކުރި އެ ފޮޓޯއާ އެކު ބުނެފައި ވަނީ، އެ ފަރުބަދަ ގޮވާފައި ވަނީ، އައި ބާރުގަދަ ބިންހެލުމާއެކު ކަމަށެވެ.

ގާތްގަނޑަކަށް 180،000 އެއްހާ މީހުން ދިރިއުޅޭ އެ ސަރަހައްދަށް މިއީ ނުރައްކާތެރި ހާދިސާއެއް ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވާ ގޮތުގައި އެ ބިންހެލުން އައީ ބިމު އަޑިން 30 މޭލު އަދި ޕެޓްރޮޕަވަލޮވްސްކް-ކަމްޗަޓްސްކީ އާ 55 މޭލު ދުރުންނެވެ.

ރަޝިއާގެ ޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ މި ހާދިސާގައި މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ބިންހެލުމާއި ފަރުބަދަ ގޮވުމާއެކު ދިމާވި ކަންކަން ދެނެގަތުމަށް އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މީގެ ކުރިން ބުނެފައި ވީ ނަމަވެސް ޓާސް އިން ބުނެފައި ވަނީ ސުނާމީއެއްގެ ބިރެއް ނެތް ކަމަށެވެ.