ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުން ޗައިނާއަށް ވަޑައިގެންފައި ވަނީ އެ ގައުމުގެ ބެއިޖިންގް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް" ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މަޖިލިސް އިދާރާއިން ބުނީ، އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ މި މަހުގެ 18 އިން 23 އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗައިނާގައި / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއީ މަޖިލީހުގެ ރައީސް ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އަބްދުއްރަހީމް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ފުރަތަމަ ދަތުރުފުޅު ވަޑައިގެންފައި ވަނީ ތުރުކީއަށެވެ.