މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހަކީ އިންޑިއާގެ ކޮލްކަތާއަށް ބިރުވެރި، ހިތާމަވެރި ދުވެހެކެވެ. އާރްޖީ ކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ޕޯސްޓްގްރެޖުއޭޓް ޓްރެއިނިން ހަދަމުން ދިޔަ އުމުރުން 31 އަހަރުގެ ޑރ. މައުމިތާ ދޭބްނަތު އެތައް ފަހަރެއްގެ މަތިން ރޭޕްކޮށް ރަހުމުކުޑަކޮށް މަރާލާފައި ވާއިރު، މިއީ މުޅި ކޮލްކަތާގެ އިތުރުން އިންޑިއާވެސް ނިދިން ހޭލައްވާލި ބިރުވެރި ހާދިސާއެކެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ދުވަހު ޑރ. ދެބްނާތު ނިންމާލީ 36 ގަޑިއިރުގެ ބުރަ ޝިފްޓެކެވެ. ރޭގަނޑުގެ ކެއުމުގައި އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ދަންވަރު 2:00 ހާއިރު އޭނާ ސެމިނާ ހޯލަށް ދިޔައީ އަރާމުކޮށްލާށެވެ. އެހެންނަމަވެސް ފަހު ދުވަހު ހެނދުނު 11:30 ހާއިރު އޭނާ ފެނުނީ ހޭނެތިފައި އޮއްވައެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ ޑރ. ދެބްނާތު މަރުވެފައިވާކަމަށް ޑޮކްޓަރުން ނިންމިއެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކުން އެއީ ގުދުރަތީ މަރެއް ނޫންކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެ ވަގުތު އޭނާ އޮތް ހާލު ފެނުނު ކޮންމެ މީހަކަށްވެސް ލިބުނީ ބޮޑު ޝޮކެކެވެ. އެ ވާހަކަތައް އެހެން ފަރާތްތަކާއި ހިއްސާކުރެވޭ ވަރަށްވުރެ ބޮޑު ނަފްސާނީ ގެއްލުމެކެވެ. އޭނާ މަރާލާފައިވަނީ އެތައް އަނިޔާއެއް ދިނުމަށްފަހު ވަރަށް ރަހުމުކުޑަކޮށެވެ. އޭނާގެ ހަށިގަނޑުގައި އަނިޔާނުވާ ގުނަވަނެއް ނެތެވެ. ލޮލާއި އަނގަ އާއި ކަރާއި އެހެނިހެން ގުނަވަންތަކެވެ. ޑރ. ދެބްނާތުގެ ކަރު ވަނީ ފަޅައިގެން ގޮސްފައެވެ. އޭނާގެ އަޅައިގެން އުޅުނު އައިނު ތަަޅައިގެން ގޮސްފައިވާއިރު، ލޮލަށް ބިއްލޫރި އެތިކޮޅުތައް ވަނީ ހެރިފައެވެ. ގަދަކަމުން ދެފައި ދުރުކުރަން އުޅުމުގެ ދެތެރޭގައި އުކުޅުވަޅު ހުޅު (ޕެލްވިސް) ވަނީ ވަކިވެފައެވެ. މިއީ ހަމައެކަނި ގަތުލެއް ނޫނެވެ. މިއީ ރަހްމެތް ހަމްދަރުދީއެއް ނެތް ބަޔަކު ހިންގި ބޮޑު ޖަރީމާއެކެވެ.

ޑރ. ދެބްނާތުގެ އޮޓޮޕްސީން ހާމަވީ ބިރުވެރި ހަގީގަތެކެވެ. އޭނާގެ ހަށިގަނޑުން 150ގްރާމްގެ މަނި ފެނިފައި ވާއިރު މިއީ އެއް ފިރިހެނަކަށް އުފައްދާލެވޭ ވަރަށް ވުރެ މާ ގިނަ އަދަދެކެވެ. އެހެންކަމުން މިކަމުން އެނގިގެން ދަނީ މިއީ ގޭންގް ރޭޕެއް ކަމަށެވެ. އޭނާ މަރާލީ އެތައް ފަހަރަކު ރޭޕްކުރުމަށްފަހުގައެވެ. އެހެންނަމަވެސް އަދި ނޭގި އޮތް ހަގީގަތަކީ އެއީ ކިތެއް މީހުންކަމެވެ.

އެންމެ ފުރަތަމަ ޑރ. ދެބްނާތުގެ މަރުވީ އަމިއްލައަށްކަމަށް ނިންމާ، އެ މައްސަލަ އޮއްބާލުމަށް ކަމާއި ގުޅުން ހުރި ބައެއް އިދާރާތަކުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ މަންޒަރު ފެނުނު މީހުންނަށް، އޭނާގެ ހާލަތު އެނގޭ މީހުންނަށް އެކަން ގަބޫލު ކުރެވޭނެ ހެއްޔެވެ؟ އެތައް ބައެއްގެ ޕްރެޝަރާއެކު އެ މައްސަލައިގައި އުމުރުން 33 އަހަރުގެ ސިވިކް ވޮލަންޓިއަރެއް ކަމަށްވާ ސަންޖޯއީ ރޯއީ ހައްޔަރުކުރިއެވެ. ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ކުށަށް އިއުތިރާފުވިއެވެ. އެހެންނަމަވެސް އެހާ ހިސާބުންވެސް މި މައްސަލަ ނުމުނީއެއް ނޫނެވެ. ސޯޝަލް މީޑިއާ ކެކި އުތުރިގަތެވެ. ސަންޖޯއީ ރޯއީ އަކީ 'ކަތިލާލެވުނު ބަކަރި'އަކަށް ވެދާނެ ކަމުގެ އަޑުތައް ގަދަވެގެން ދިޔައެވެ. އަދި ޑރ. ދެބްނާތުގެ މަރުގައި ޖޫނިއާ އިންޓާންސް އިން ބައިވެރިވާ ކަމަށް ބުނާ ވާހަކަތައް ވެސް ފެތުރިގެން ދިޔައެވެ. މި ހާދިސާ ހިނގި ގޮތެއް އެއްވެސް މީހަކަށް ސާފުކޮށް އަދި ނޭގެއެވެ. އެރޭ މި ހާދިސާ ހިނގި ގޮތުގެ އެއްވެސް ތަފްސީލެއް އަދި ސާފެއް ނުވެއެވެ. މި މައްސަލައިގައި ޝާމިލުވާ އަނިޔާވެރިންނަކީ ކޮބައިކަންވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ. ނުވަތަ އެކަން އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.

ޑރ.ދޭބަންތު އަށް އިންސާފު ހޯދުަމށް ގޮވާލާ މުޒާހަރާކުރަނީ

މުޅި ސޯޝަލް މޑިއާގައި ޑރ. ދެބްނާތުގެ މަރަށް އިންސާފު ހޯދުމަށް ބޮޑު ކެމްޕެއިނެއް ވަނީ ފެށިފައެވެ. އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންނާއި، އަންހެނުންގެ ހައްގަށް މަސައްކަތްކުރާ މީހުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ވަނީ މި ކެމްޕެއިންގައި ބައިވެރިވެފައެވެ. މީގެ އިތުރުން ޑރ. ދެބްނާތުގެ ރޭޕާ އޭނާގެ މަރުގެ ހަގީގަތް ހާމަކޮށް ކުށްވެރިންނަށް އަދަބު ދިނުމަށް ގޮވާލާ އެތައް ބަޔަކު ވަނީ މަގުމައްޗަށް ނިކުމެފައެވެ. އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ އިންޑިއާގެ ބޮޑެތި ސިޓީތަކުގެ މަގުމައްޗަށް އެތައް ސަތޭކަ ބަޔަކު އެއްވެފައިވާއިރު، 400،000 މެމްބަރުން ހިމެނޭ އިންޑިއާގެ އެންމެ ބޮޑު މެޑިކަލް ގްރޫޕެއް ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިންވެސް ވަނީ އިންސާފަށް ގޮވާލާފައެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން 24 ގަޑިއިރުގެ ޝަޓްޑައުން އަކަށް ދާނެކަމަށް ބުނެފައެވެ. އަދި އެ ދުވަހު ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ފިޔަވައި އެހެން އެއްވެސް ހިދުމަތެއް ނުދޭނެކަމަށްވެސް އައިއެމްއޭ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އައިއެމްއޭ އިން ބުނީ ހޮސްޕިޓަލްތަކާއި ކެމްޕަސްތަކުގެ ތެރޭގައި ޑޮކްޓަރުންގެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.