މަންކީޕޮކްސް ނުވަތަ އެމްޕޮކްސް ނަމަކަށް ކިޔާ ބައްޔެއްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުން ދާތީ ޑަބްލިއުއެޗްއޯއިން އިއްޔެ ވަނީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެފްރިކާގެ 13 ގައުމެއްގައި އެމްޕޮކްސްގެ ކޭސްތައް ފެނި އެ ބަލީގެ އާ ވޭރިއަންޓެއް ބާރަށް ފެތުރެމުންދާއިރު މިއީ އެ ޖަމާއަތުން ނެރޭ އެންމެ މަތީ ދަރަޖައިގެ އެލާޓެވެ.

އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ކޮބާ؟

އެމްޕޮކްސް ނުވަތަ މަންކީޕޮކްސްއަކީ އަކީ މަންކީޕޮކްސްވައިރަސްގެ ނަމުން މަޝްހޫރު ވައިރަހެއް ޖެހުމުން ޖެހޭ ބައްޔެކެވެ. މި ވައިރަހަކީ ސްމޯލްޕޮކްސް ޖެހޭ ވައިރަސް އާއި އެއް އާއިލާއެއްގެ ބައެކެވެ. މި ބައްޔަކީ މެދުތެރެ އާއި ހުޅަނގު އެފްރިކާގެ ބައެއް ހިސާބުތަކުގައި އާންމުކޮށް ފެންނަ ބައްޔެކެވެ. މި ބަލި ޖައްސާ ވައިރަސް މި ސަރަހައްދުތަކުގައި ދިރިއުޅޭ ކުދި މީދާ، މަކުނު، އަދި އެހެނިހެން ދޫނި ޖަނަވާރުތަކުން ފެނިފައިވެއެވެ. އިންސާނުންނަށް އެންމެ ފުރަތަމަ މަންކީޕޮކްސް ޖެހިފައިވާކަން ރެކޯޑްކޮށްފައިވަނީ 1970 ވަނަ އަހަރު، މިހާރުގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރިގެން ދިޔައެވެ.

ބަލީގެ އަލާމަތްތަކަކީ ކޮބާ؟

އެމްޕޮކްސް ޖެހިފައިވާ މީހުންނަށް ގިނަ ފަހަރަށް ރޯގާ ޖެހޭއިރު، އެހެނިހެން އަލާމާތްތައް ވެސް ފެނެ އެވެ. މި ރޯގާ ރަނގަޅުވުމުގެ ކުރިން ސްކަބްސް ހިމެނޭ ގޮތަށް އެތައް މަރުހަލާއެއް ފާއިތުވާނެއެވެ. މި ބަލިޖެހިފައިވާ މީހާގެ ހަށިގަނޑުގައި ތަދު އިހްސާސްކުރެވޭ ބިހިތަކެއް ނެގުމާއި ފޮޅުނެގުމުގެ އިތުރުން ހުންއައުމާއި ކަރުގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިހުން ހިމެެނެއެވެ. ބައެއް ހާލަތްތަކުގައި ހަށިގަނޑުގެ ދިފާއި ނިޒާމުގައި ހިމެނޭ "ލިމްފް ނޮޑްސް" ދުޅަވުމުގެ މައްސަލަވެސް ކުރިމަތިވެއެވެ. ބަލީގެ ޒާތުން ބޮޑުވަރު ނުވެ ގިނަ މީހުން ސަލާމަތްވީ ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބަލީގައި ނުރައްކާ ބޮޑެވެ.

ބަލިފެތުރެނީ ކިހިނެއް؟

މިބައްޔަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. އަދި ބައެއް ފަހަރު ޖަނަވާރުންގެ ފަރާތުންވެސް މިބަލި އިންސާނުންނަށް ޖެހިފައިވާކަން ރިކޯޑުކުރެވިފައިވެއެވެ. މިބަލި ފެތުރުމުގެ ފުރުސަތު އޮންނަނީ ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ބޭރުވާ ދިޔަ އެހެން މީހެއްގެ ހަށިގަނޑަށް ވާސިލުވުމުންނެވެ. މިގޮތުން ކެއްސާ ކިނބިހި އެޅުމާއި ޖިންސީ ގުޅުން ހިނގުމާއި ބަލި ޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ އެއްޗެއް ބޭނުންކުރުމުގެ އިތުރުން އަންނައުނާއި ސިރިންޖު ފަދަ ތަކެތިން ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ބަލީގެ އިންފެކްޝަސް މުއްދަތު ގައިންގަޔަށް އަރާ އެހެން ބަލިތަކަށްވުރެ ދިގެވެ. އެހެންކަމުން ހުންއަންނަ މުއްދަތުން ފެށިގެން ގައިގައި ނަގާ ފޮޅުތައް އެއްކޮށް ރަނގަޅުވުމާއި ހަމައަށް އެމީހާ އާއި ބައްދަލުވާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

ރައްކާތެރިވާނީ ކިހިނެއް؟

- އެމްޕޮކްސް ރޯގާޖެހިފައިވާ މީހުންނާ އެމްޕޮކްސް ވައިރަސް ހުންނަކަމަށް ފާހަގަކުރެވޭ ޖަނަވާރުތަކާ ދުރުވުން. އަދި ހަންގަނޑާ، ހަންގަނޑު ޖެހޭ ހިސާބުގައި ނޫޅުން.

- ޖިންސީ ގުޅުން ހިންގާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. އަދި ގިނަ މީހުން އެއްވާ ތަންތަނަށް ދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ( މީހުންނާ އެހާ ބޮޑަށް ގާތް ނުވުން، މާސްކު އެޅުން)

- ސިއްހީ އެހީތެރިންގެ ލަފައާއި އެކު ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުން

މިފަދަ ގިނަ ފިޔަވަޅުތައް އަޅާ ދުރާލައި ރައްކާތެރިވެ ތިބުމަކީ ގައިންގަޔަށް އަރާ ބައްޔާއި އަދި ގައިންގަޔަށް ނާރާ ބަލިމަޑުކަމުން ވެސް ދުރުކޮށްދޭނެ ކަމެކެވެ.