ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް އަލީ ޒަރުދާރީ އަށާއި، ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފް އަށާއި ޕާކިސްތާނުގެ ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ޕާކިސްތާނު އަމާންކަމާއި، އެއްބައިވަންތަކަމާއެކު ގައުމަށް އިތުރު ކުރިއެރުން ލިބުމަށް އެދިލައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ޕާކިސްތާނުގައި މިއަދު ފާހަގަކުރަމުން އެ ދަނީއެ ގައުމުގެ 78 ވަނަ މިނިވަން ދުވަހެވެ. ޕާކިސްތާނުގެ މިނިވަން ދުވަސް މީގެ ކުރިން ރާއްޖޭގައިވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ވަނީ ޕާކިސްތާނު ހައިކޮމިޝަނާއި، މޯލްޑިވްސް ޕާކިސްތާން ފްރެންޑްޝިޕް އެސޯސިއޭޝަނުން އިވެންޓެއްވެސް ބާއްވާފައެވެ.

ދެ ގައުމުގެ ސަގާފީ ކަންކަން ދައްކުވައިދޭ ހަރަކާތްތަކާއެކު ބޭއްވި އެ އިވެންޓުގައި ޕާކިސްތާނުގެ އެމްބެސެޑަރު ވައިސް އެޑްމިރަލް (ރޓޑ) އާތިރް މުހްތާރާއި ޑެޕިއުޓީ އެމްބެސެޑަރު އަދި އެ ގައުމާއި ރާއްޖޭގެ ބައެއް އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.