ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ޖަލްސާތައް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލައިފިއެވެ.
ދައުރު ދަންމާލަން ރައްޔިތުންގެ މަޖިލީހުން ނިންމީ އެކަމަށްޓަކައި ރިޔާސަތުން މިއަދު ވޯޓަށް އެހުމުން, ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ރުހުމާ އެކުގައެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދައުރުގެ ފަހު ދުވަހަކީ 15 އޮގަސްޓް, ނުވަތަ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ.
ނަމަވެސް މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށާއި, އެހެންކަމުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލަން ގަސްދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 24 ވަނަ މާއްދާގައިވާ ގޮތުން:
- ފުރަތަމަ ދައުރު: ފެބްރުއަރީ 1 އިން މެއި 15 އަށް
- ދެވަނަ ދައުރު: ޖޫން 1 އިން އޮގަސްޓް 15 އަށް
- ތިންވަނަ ދައުރު: އޮކްޓޯބަރު މަހުން ނޮވެމްބަރުގެ ނިޔަލަށް
މަޖިލީހުގެ ގަވައިދުގައި މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް, މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ދައުރު ދަންމާލުމަށް ހުށަހެޅުމުގެ އިހްތިޔާރު ރިޔާސަތަށް ލިބިގެންވެއެވެ. އެކަމަކު ދައުރު ދަންމާލެވޭނީ މެންބަރުން އެކަން ކުރަން ފެންނަ ކަމަށް ތަޅުމުން ފާސްކުރުމުންނެވެ.
މީގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ބިލެއް ވެސް ބަލައިގަނެ ކޮމިޓީ އަށް ފޮނުވާލަން މެންބަރުން ފާސްކޮށްފައިވެއެވެ. އެއީ:
- ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު
- ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅޭ ގާނޫނަށް, ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާ ގުޅުންހުރި އިސްލާހު
މި ދެ ބިލު ތަޅުމުން ބަލައިގަތުމުން ރިޔާސަތުން ނިންމީ ދެ ބިލު ދިރާސާކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވާލުމަށެވެ.