ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދެވޭ ވަރަށް ފައިސާ ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ކިބައިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ސޮއިކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަގަކީ 36.8 ބިލިއަން ރުފިޔާ ކަމަށާއި، 31.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ދާ ކަމަށެވެ.

އެކަމަކު ޕީއެސްއައިޕީ އަށް ބަޖެޓުގައި ހިމަނާފައިވަނީ ފަސް ބިލިއަން ރުފިޔާއަށް ވުރެ މަދުން ކަމަށާއި، އެހެންކަމުން މި އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކިބައިން އެދެން، ބަޖެޓު ހައްދަވާއިރުގަ ކުރިއަށްދާ މަޝްރޫއުއެއް ވެއްޖިއްޔާ އެ މަޝްރޫއު ކުރިއަށް ގެންދެވޭ މިންވަރަކަށް ބަޖެޓު ހިމަނުއްވަދެއްވާށޭ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބަޖެޓު މިހާރު އޮތް ގޮތުން ނަމަ ސަރުކާރަށް ވަކި ލިމިޓެއްގެ ދަށުން މަސައްކަތްކުރަން މަޖުބޫރުވެއެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.67 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އޭގެ ތެރެއިން 5.67 ބިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ ފެނާއި ނަރުދަމާ ނިޒާމު ތަރައްގީކުރުމަށާއި ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށާއި އިދާރީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ބިން ހިއްކުމަށާއި މަގު ހެދުމަށެވެ.

މި ދެންނެވި މަޝްރޫއުތައް ހިމެނެނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައެވެ.