ދެކުނުގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި އަދި އެކަންކަމަށް ހައްލު ގެނެވޭނީ ގުޅިގެން މަސައްކަތް ކޮށްގެންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދެކުނުގެ ފަތުރުވެރިކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ސަދަން ރީޖަން ޓޫރިޒަމް ޑިވެލޮޕްމަންޓް ސްޓޭކްހޯލްޑާ ސިމްޕޯޒިއަމް 2024" ގައި ފައިސަލް ވިދާޅުވީ ދެކުނުގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމަށް ބެލި ބެލުމުން މައިގަނޑު ދެކަމެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ދެކުނަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ނުކުރުމާއި އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ މައިގަނޑު ދެ މައްސަލަކަމުގައި ފައިސަލްވަނީ ފާހަގަކުރައްވާފައެވެ. "އެހެންކަމުން މިކަންކަމަށް މަހާސިންތާގައި ތިބި ފަރާތްތަކުގެ މެދުގައި ކުރެވޭ މަޝްވަރާއިން ހައްލު އަންނާނެކަމަށް ޔަގީންކުރަން. އެކަންކަމަށް ހައްލު ގެނެވޭނީ ގުޅިގެން މަސައްކަތްކޮށްގެން" ފައިސަލް ވިދާޅުވިއެވެ.

މި މަހާސިންތާގައި ދެކުނުގެ ތިން އަތޮޅުކަމުގައިވާ އައްޑޫ، ފުވައްމުލައް އަދި ހުވަދޫގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކާއި، އެނދުގެ އަދަދާ. މަސައްކަތް ނުފެށި ހުރި ފަތުރުވެރިކަމުގެ މަޝްރޫއުތަކާ، ބަންދުކޮށްފައިވާ ރިސޯޓުތަކާއި އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި އައިލެންޑް އެވިއޭޝަންގެ ފަރާތުން ވަނީ ދެކުނަށް ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށް ހުރި ފުރުސަތުތަކާއި އެކަމަށް މިވަގުތު ހުރި ދަތިތަކާއި ގެނެވޭނެ ހައްލުތައް ހިއްސާކޮށްފައެވެ.