މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ދިރާސާއެއް ކުރަން މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިދިޔަ ޖުލައި މަހު މާލެ ސިޓީ ކައުންސިލުން މި ދިރާސާ ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ބީލްން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކޮށްފައި ވަނީ އައިޔޫއެމްއެވެ. އެގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލާއެކު އައިޔޫއެމްއިން ވަނީ 120 ދުވަހުގެ ތެރޭގައި މި ދިރާސާ ކުރުމަށް އެއްބަސްވެފައެވެ.
625،700 ރުފިޔާގެ އަގުގައި އައިޔޫއެމް އިން އެއްބަސްވި މި ދިރާސާގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްދޭނެ އެއްގަމު އުޅަނދުގެ ލިމިޓާއި އެ ތަކެތި ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅުން ހިމެނެއެވެ. އަދި މި ދިރާސާގައި އެއްބަސްވުމަށް ފަހު މިއަދު އެ ދިރާސާގެ މަސައްކަތް ފަށާފައިވާ އިރު، އޭގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަހަށެވެ.
މި ދިރާސާ ހެދުމުގައި މާލޭގެ އާބާދީ، މިހާރު ބޭނުންކުރަމުން އަންނަ އުޅަނދުތަކުގެ އަދަދު އަދި އުޅަނދު ދުއްވަން ކަނޑައަޅާފައިވާ މަގުތަކާއި ޕާކިން ސަރަހައްދުތަކުގެ ބޮޑުމިނަށް ރިއާޔަތްކުރަން ޖެހެއެވެ. އެ ދިރާސާގައި ކޮންމެހެން ހިމަނަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެއްގަމު އުޅަނދު ދުއްވުމަށާއި ޕާކުކުރަން ހާއްސަކޮށްފައިވާ މަގުތަކާއި ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިން އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރާއި، އުޅަނދު ދުއްވުމަށާއި ޕާކިންއަށް، މަގުތަކާއި ލޭނުތަކުގައި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރާއި، އެއްގަމު އުޅަނދުތައް ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތާއި އާންމުކޮށް ބޭނުންކުރާ އެންމެ ދިގު މުއްދަތު ދެނެގަތުމެވެ. ހަމައެއާއެކު އާބާދީގެ ނިސްބަތުން އަމިއްލަ އުޅަނދު ބޭނުންކުރާ ނިސްބަތާއި ބާވަތްތަކާއި، އާބާދީގެ ނިސްބަތުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ނިސްބަތާއި، ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދުން މާލޭގައި ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި ބާވަތްތައް ދެނެގަތުމެވެ.
އެ ދިރާސާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓުގައި ތިން ކަމަކަށް ލަފާ ދިނުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ. އެއީ ކަނޑައަޅާ އުޅަނދުގެ އަދަދު އެ މިންވަރުގައި ހިފަހައްޓަން ވަސީލަތްތައް ގާއިމުކުރުމަށާއި އެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ އުސޫލު ތަންފީޒުކުރަން ބޭނުންވާ އިންސާނީ އަދި ފަންނީ ވަސީލަތްތައް ހުންނަން ޖެހޭ މިންގަނޑު ދެނެގަތުމެވެ. ހަމައެއާއެކު މާލޭގައި ބޭނުންކުރަން ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދަކީ އަލަށް ކަނޑައަޅާ އަދަދުގެ ނިސްބަތަށްވުރެ އިތުރުވާ ނަމަ، އާ އަދަދުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި އުޅަނދުތައް އަލުން ރަޖިސްޓްރީ ކުރެވޭ ފަދަ ނިޒާމެއް އެކުލަވައިލުމެވެ. މީގެ އިތުރުން އުޅަނދު ބޭނުންކުރަން ކަނޑައަޅާ މުއްދަތު ހަމަވުމުން ވަގުތުން ރަޖިސްޓްރީ ބާތިލުކުރުމާއި އުޅަނދު ނައްތާލުން ފަދަ ކަންކަން ކުރުމުގެ ކުރިން ވެރިފަރާތަށް ގެއްލުން ކުޑަވާނެ ފިޔަވަޅުތައް ބުނެދިނުމެވެ.