ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޭއްވި ސްޓެމް ފެއާ 'ޖީނިއަސް ޖެމްސް ފެއާ' ގައި ވަނީ އެކި ކްލާސްތަކުގެ ތަފާތު ސައިންސް ޕްރޮޖެކްޓްތަކާއި އެކްސްޕެރިމެންޓުތައް ދައްކާލައިފައެވެ.
900 އަށް ވުރެ ގިނަ ކުދިން ކިޔަވާ މުހިއްދީން ސްކޫލަކީ ވިލިމާލޭގައި މިވަގުތު ހިންގާ ހަމައެކަނި ސްކޫލަށް ވާ އިރު، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް މި ސްކޫލުގައި ކިޔަވައި ދެއެވެ. އަދި އާދިއްތަ ދުވަހު ނިމުނު ފެއާގައި ސްކޫލްގެ ހުރިހާ ގްރޭޑެއްގެ ހުރިހާ ކްލާހަކުން ވަނީ ޕްރޮޖެކްޓްތައް ބައިވެރިކޮށްފައެވެ.
ކްލާސްތަކުގެ އިތުރުން ވަކި ވަކި ދަރިވަރުންނަށް ވެސް ފެއާގައި ޕްރޮޖެކްޓްތައް ދައްކާލަން ފުރުސަތު ލިބުނު އިރު މިއީ ދެ ކެޓަގަރީން ވެސް ކޮންމެ ގްރޭޑަކުން އެންމެ މޮޅު ތިން ޕްރޮޖެކްޓެއް ހޮވައިގެން ބޭއްވި ފެއާއެކެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 'އޭއައި' ފަދަ ކޮންސެޕްޓްތަކަށް ބިނާ ކުރި ޕްރޮޖެކްޓެއް ފެނިގެން ދިޔަ އިރު، ތިމާވެއްޓާ ރައްޓެހި ސާފު ހަކަތަ އުފައްދާނެ ގޮތްތަކާއި ހަކުރު އެކުލެވޭ ބުއިންތައް ބޭނުން ކުރުމުން ދަތްތަކަށް ލިބޭ ގެއްލުން ދައްކުވައިދޭ ޕްރޮޖެކްޓްތަކާއި ދުންފަތުގެ އިސްތިމާލު ކުރުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ވެސް ދައްކައިދޭ ޕްރޮޖެކްޓްތައް، ޖީނިއަސް ޖެމްސް ފެއާއިން ފެނިގެން ދިޔައެވެ.
ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ކަމަކީ ކޮންމެ ޕްރޮޖެކްޓެއް ވެސް ހުށަހެޅި ދަރިވަރުން އެކަމުގައި ޝާމިލްވެގެން އުޅުނު މިންވަރެވެ. ޕްރޮޖެކްޓް ބަލާލުމަށް ޒިޔާރަތް ކުރާ ކޮންމެ މެހެމާނަކަށް ވެސް ވަރަށް އިތުބާރާ އެކު ޕްރޮޖެކްޓްގެ ބައިތައް ކިޔައިދިން އިރު މި މަސައްކަތްތަކަކީ އެކަމުގައި ކުދިން ވެސް ބައިވެރިކޮށްގެން މުދައްރިސުން ކޮށްފައިވާ މަސައްކަތްތަކެއް ކަން ރަނގަޅަށް އެނގެއެވެ.
މީގެ ކުރިން ވެސް މިފަދަ ފެއާތައް މުހްޔިއްދީން ސްކޫލްގައި ބޭއްވި ނަމަވެސް މިއީ ސްކޫލްގެ ހުރިހާ ގްރޭޑަކަށް ހުޅުވާލައިގެން މިފަދަ ފެއާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މުހްޔިއްދީން ސްކޫލްގެ ޕްރިސިޕަލް ނާޒިމާ އަލިމަނިކް ވިދާޅުވީ މުޅި ސްކޫލަށް ހުޅުވާލައިގެން މިފަދަ ފެއާއެއް ބޭއްވުމުން އެހާ ގިނަ ކުދިންނަށް ފެއާގައި ބައިވެރިވެ ޕްރޮޖެކްޓްތައް ދައްކާލަން ފުރުސަތު ލިބިގެން ދިޔުމަކީ ސްކޫލުން 'ވަރަށް އުފާވާ' ކަމަށެވެ. އަދި ސްކޫލުގެ އުއްމީދަކީ ކޮންމެ އަހަރަކު ވެސް މި ގޮތަށް ހުރިހާ ގްރޭޑަކަށް ހުޅުވާލައިގެން މިފެއާ ބޭއްވުން ކަމަށް ވެސް ޕްރިސިޕަލް ވިދާޅުވިއެވެ.
ކުދިންގެ ކިޔެވުމާ ގުޅޭ މޮޑެލްތަކާއި މިހާރަކަށް އައިސް އިންޓަނެޓުން ފެންނަ އެކްސްޕެރިމަންޓްތައް ވެސް މުހްޔިއްދީން 'ޖީނިއަސް ޖެމްސް ފެއާ' އިން ފެނިގެން ދިޔަ އިރު ތިރީގައި އެވަނީ 'ދަ ޕްރެސް' އަށް އެންމެ ފާހަގަ ކޮށްލެވުނު ޕްރޮޖެކްޓްތަކެވެ.
ތަރުޖަމާނު
ތަފާތު ހުނަރުވެރި އަދި އީޖާދީ ޕްރޮޖެކްޓްތަކާއި އެކްސްޕެރިމެންޓްތަކުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ލިބުނީ އެ ސްކޫލްގެ ދަރިވަރުންތަކެއް ދިވެހި ސައިން ލެންގުއޭޖް ނުވަތަ އިޝާރާތުން ވާހަކަދައްކާ ބަހުރުވަ ތާނައަށް ބަދަލުކުރެވޭ ގޮތަށް ހަދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް, ނުވަތަ ކޮންސެޕްޓް އޭއައި މޮޑެލަކަށެވެ.
'ތަރުޖަމާނު'ގެ ނަމުގައި ދައްކާލި މި އޭއައި މޮޑެލްގެ އެންމެ ހާއްސަ އެއް ސިފަ ނުވަތަ ފީޗާ އަކީ، ކޮމްޕިއުޓަރު ސިސްޓަމަށް އަތުގެ އިޝާރާތް ދައްކާލުމުން ވަގުތުން އެ އަކުރެއް ތަރުޖަމާކުރެވޭ ގޮތަށް ފަރުމާކޮށްފައި އޮންނަ އޮތުމެވެ. މިއީ ވާނެ ކަމެއްކަން އަންގައިދިނުމުގެ ގޮތުން ކޮންސެޕްޓެއް ގޮތުގައި ތައްޔާރުކުރި މި މޮޑެލްގައި ހިމަނާފައި ވަނީ 'މ، ނ އަދި ލ', މި 3 އަކުރެވެ.
މި މޮޑެލް މަސައްކަތްކުރާ ގޮތަށް ބަލާލާއިރު, ކޮމްޕިއުޓަރު މޮނީޓަރުގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ކެމެރާއަށް އަތުން އިޝާރާތް ކޮށްލުމުން, ފުރަތަމަ އިޝާރާތް ދެނެގަނެއެވެ. މީޑިއާ ޕައިޕާއި ކެމެރާ އާއި ލައިޓްގެ އެހީގައި އަތުގެ ހަރަކާތްތައް ދެނެގަނެ, ވަގުތުން އެ އިޝާރާތް ތަރުޖަމާ ކޮށްދެއެވެ.
"އަޅުގަނޑުމެންގެ ސްކޫލަކީ ހުރިހާ ކުދިން ޝާމިލްވާ ގޮތަށް ކިޔަވައިދޭ ސްކޫލެއް, ބައެއް ކްލާސްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ވެސް ކިޔަވަމުންދޭ," މި މޮޑެލް ފަރުމާކުރުމުގައި ބައިވެރިވި ދަރިވަރަކު ކިޔައިދިނެވެ.
ދަރިވަރު ކިޔައިދިން ގޮތުގައި, މި މޮޑެއް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން، އަޑުއިވުމުގެ ދަތިތައް ހުންނަ މީހުންނާއި އެހެން ފަރާތްތަކުން މުއާމަލާތު ކުރާ ގޮތް ދެނެގަތުމަށްޓަކައި ވިލިމާލޭގެ އާންމު ތަންތަނަށް ދަރިވަރުން ޒިޔާރަތް ކުރިއެވެ. އެއީ އިވުމުގެ ދަތިކަން ހުންނަ ފަރާތްތަކާ ފަސޭހައިން މުއާމަލާތު ކުރެވޭނެ ގޮތެއް ހޯދައި ދިނުމުގައި ގެންގުޅެންވީ ހަމަތައް ދެނެގަތުމަށެވެ.
މި ކޮންސެޕްޓް މޮޑެލް ހެދުމުގައި އެންމެ ބޮޑު ދައްޗެއް ކަމަށް ދަރިވަރުން ބުނީ, އެއަށް ބޭނުންވާ ޑޭޓާ އެއްކުރުން ކަމަށެވެ. ދަރިވަރުން ކިޔައިދިން ގޮތުގައި ޑޭޓާ އެއްކުރުމަށްޓަކައި ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން, ވިލިމާލޭގެ ބައެއް އާންމުންގެ އެހީތެރިކަން ލިބިގެން ދިޔައެވެ.
މި މޮޑެލް ހެދުމުގައި ބައިވެރިވި އިތުރު ދަރިވަރަކު ބުނީ، މިއީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، ސްކޫލް ނިމުމުން މި މޮޑެލް އިތުރަށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ހައިޑްރޯލިކް ބްރިޖް
އެއީ ކޯރު ފަދަ ތަންތަނުގެ މަތިން އަޅާ ބްރިޖްގެ ދަށުން ބޮޑެތި ބޯޓު ފަހަރަށް ދެވޭ ގޮތަށް ހަދާފައި ހުންނަ ބްރިޖެވެ. މުހްޔިއްދީންގެ ސްޓޭމް ފެއާގައި މިފަދަ މޮޑެލް ބްރިޖެއް ދައްކާލާފައިވާ އިރު މި މޮޑެލް އަކީ ވެސް ފެއާއަށް ޒިޔާރަތް ކުރި ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު މޮޑެލް އެކެވެ. އެގޮތުން، އާއްމުކޮށް ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެން މި ޕްރޮޖެކްޓުން ދަރިވަރުން ދައްކާލަ ދިނީ ހައިޑްރޯލިކް ބްރިޖް ނިޒާމެއް މަސައްކަތް ކުރާ ގޮތެވެ.
މި ޕްރޮޖެކްޓަށް ވަނީ ގްރޭޑުން އެއްވަނަ ލިބިފައެވެ.
މެޖިކް ޑްރިންކް
މިއީ ވެސް ފެއާއިން ފެނިގެން ދިޔަ ތަފާތު ޕްރޮޖެކްޓެކެވެ. އެކި ރަހަތައް ލާ ގޮތަށް ދަރިވަރުން ވަގުތުން ތައްޔާރު ކޮށްލަދޭ މި ބުއިމަކީ ކުލަ ބަދަލުވާ މީރު 'ޑްރިންކް' އެކެވެ. ޕްރޮޖެކްޓް ހެދި ދަރިވަރުން ބުނީ ވިލިމާލެ އަކީ އާއްމު ގޮތެއްގައި ހޫނު ތަނަކަށް ވެފައި މި ފަދަ ޕްރޮޖެކްޓެއް ހެދުމުގެ އަމާޒަކީ ފިނި، މީރު އަދި ބަލާލަން ރީތި ބުއިމެއް އުފެއްދުން ކަމަށެވެ.
ލައިފް ސައިކަލް އޮފް ދަ މޮނާކް ބަޓަފްލައި
ރާއްޖެއިން އެންމެ ގިނައިން ފެންނަ ކޮކާގެ ބާވަތް ކަމަށްވާ 'މޮނާކް' ބަޓަފްލައިގެ ލައިފް ސައިކަލް ނުވަތަ އޭގެ ބިހުން ކޮކާލަށް ވާ ގޮތް އިތުރަށް ދެނެގަތުމަށް ގްރޭޑް 3 ގެ ތިން ދަރިވަރަކު ހެދި ޕްރޮޖެކްޓަކީ ވެސް ފެއާގައި ވަރަށް މަގްބޫލުވި ޕްރޮޖެކްޓެކެވެ.
ފ. ނިލަންދޫއިން ކޮކާ ބިސް ހޯދައިގެން މި ދަރިވަރުން ވަނީ އެކުދިންގެ ގޭގޭގައި މި ބިސްތަކުން ކޮކާ އުފަން ކުރުވާފައެވެ. މި ބާވަތުގެ ކޮކާލަކީ ހަމައެކަނި ރުވާ ގަހުގައި އާލާވާ ކޮކާލަކަށްވާ އިރު ވިލިމާލޭގައި ކުރިން މި ފަދަ ގަސްތައް ގިނައިން ހުރި ނަމަވެސް މިހާރު މިކަހަލަ ގަސް ވަރަށް މަދެވެ. މިތިން ދަރިވަރުންގެ ބޭނުމަކީ ވިލިމާލޭގައި މީގެ ގިނަ ގަސްތައް އިންދާ ވިލިމާލެއަކީ 'މޮނާކް ބަޓަފްލައި' ގިނައިން އަންނަ ރަށަކަށް ހެދުމެވެ.
މީގެ އިތުރުން 'ގުޅިފަޅު' މިސާލަކަށް ބަލައިގެން ހަދާފައިވާ ތިމާވެއްޓާ ރަށްޓެހި ސްމާޓް ސިޓީއެއްގެ މޮޑެލަކާއި, އިންސާނުންގެ ސަބަބުން ތިމާވެއްޓަށް ކުރާ ބައެއް އަސަރުތަކާއި, ގޭގައި ފަސޭހައިން ހަދާލެވޭ ބައެއް އެކްސްޕެރިމެންޓްތަކާއި އެކި ބުއިންތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތަކާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތައް ވެސް މޮޑެލްތަކުގެ ސިފައިގައި ދައްކާލާފައި ވެއެވެ.