ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ގަތުލުއާންމު ހިންގަމުންދާ އިޒްރޭލު މީހުންގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާ ދެކޮޅަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަވައިފިއެވެ.
ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު ހުށަހެޅުއްވި އިންޝުއަރެންސް ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިދިކޮޅު އެމްޑީޕީން ވާހަކަދައްކަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޯއިކޮޓްކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އިޒްރޭލު ޕާސްޕޯޓޭ ކިޔައިގެން މިތާ މި ވާހަކަ ދައްކަނީ ކީއްވެގެންތޯ؟ އަސްލު އެ ބޭފުޅުން ބޭނުމެއްނުވޭ އިޒްރޭލު ޕާސްޕޯޓު މަނާކުރާކަށް، އެ މީހުން ބޭނުންވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓްކުރަން،"
އޭނާ ވިދާޅުވީ، އިޒްރޭލުގައި މުސްލިމް އާބާދީއެއް ދިރިއުޅޭ ކަމާއި ވިލާތުގެ ގައުމުތަކުގެ ޕާސްޕޯޓު އެ މީހުންގެ އަތުގައި އޮންނާނެކަން އިދިކޮޅު އެމްޑީޕީއަށް އެނގޭނެ ކަމަށެވެ.
"...މުޅި ޔޫރަޕް އުތުރި އަރާނެކަން އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިރަށް، އެ ހިސާބުން ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުކޮށްލެވޭނެކަން އެބަ އެނގޭ،" އެމްޑީއޭގެެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި މި ފަސް އަހަރު ދިވެހި ރައްޔިތުންނާއި ރިސޯޓު އޯނަރުން އުފަލުގައި އުޅޭތަން ދެކޭކަށް އެމްޑީޕީން ބޭނުމެއް ނުވެއެވެ. އަދި ރާއްޖޭގައި އިންޝުއަރެންސް ވެސް ކުރެވޭނީ ފައިސާ ހުރެ ކުންފުނިތައް ހިނގައި އާންމުންގެ އަނގަޔާއި އަތާ ދިމާވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އެ އިސްލާހު މަޖިލީހުން ބަލައިގަނެ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާލީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ. އެކަމަކު އޭގެ ފަހުން ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާވާނެއެވެ.