އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލުވާލުމާ އެކު، ޖަލްސާގެ ހެނދުނުގެ ފުރަތަމަ ދަންފަޅި މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާ ސުވާލުކުރުމެވެ. މައްސަލަ ހޫނުވެ އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނެންގެވީ، އެ މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދެއްވާ ކަމަށް ބުނެއެވެ.

އެގޮތުން މައްސަލަ ހޫނުވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ނިމިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓްތައް އަތުނުލާނެ ކަމަށް ސަރުކާރުން ވައުދުވުމަށް ފަހު، ހައުސިން މިނިސްޓްރީން ސިޔާސަތު ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒާ މަޝްވަރާކުރެއްވުމަށް ފަހުތޯ ކުރެއްވި ސުވާލަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވުމުންނެވެ

އެ ސުވާލަށް ޖަވާބު ނުލިބުމުން ޒިޔާދު ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފާހަގަކުރެއްވި ނަމަވެސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޒިޔާދު އަޑުގަދަކުރައްވަން ފެށްޓެވުމުން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އަބްދުއްރަހީމް ތަކުރާރުކޮށް ޒިޔާދަށް ނަސޭހަތްތެރިވެވަޑައިގަންނަވައި، އޭނާގެ ނަން އިއްވީއެވެ.

އޭގެ ފަހުން ޒިޔާދުގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ އަޑުގަދަކުރައްވަން ފަށްޓަވައިފައެވެ. އަބްދުއްރަހީމް ވަނީ އޭގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވައިފައެވެ. އެއީ:

  • އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު

އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ، ނަން އިއްވި މެންބަރުން ތަޅުން ދޫކުރައްވަން ދެން ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭނާ ވިދާޅުވީ، ވަޒީރާ ސުވާލުކުރުމުގެ މަސައްކަތް ނިންމާލައި ދެން ޖަލްސާ ފަށާނީ 11 ޖަހާއިރު ކަމަށެވެ.