ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރާގައި، އައްޑޫ ސިޓީ ސ.މަރަދޫ އާލީ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ވަގުތީ ހައްލެއް ހޯދައި ދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިހަފްތާގައި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ކުރިއަށް އޮތް ތިން ދުވަހު، މާލެ ސަރަހައްދަށް އެއް މަސް ދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށް އިންޓަނޭޝަނަލް ވެދާ ރިޕޯޓިން އިން ވެސް ވަނީ ބުނެފައެވެ.

އަލްޖަޒީރާއިން ދުނިޔޭގެ އެކު ގައުމުތަކުގެ މޫސުން ލަފާކޮށް ބުނެފައިވަނީ، ރާއްޖޭގެ ވެރިރަށް މާލެ އަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އައްޑޫ ސިޓީ ސ.މަރަދޫ "އާލީ" ގޭގެ ފުރާޅު އެއްލާލުން / ފޮޓޯ: އެމްއެންޑީއެފް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 30.8 މިލިމީޓަރު ވާރޭވެހިފައިވާއިރު، ހުޅުލެއަށް 59.4 މިލިމީޓަރުގެ ވާރޭ އަދި ހުޅުމާލެއަށް 31.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.