މެއި 31، 2024 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ގާޒާގެ ސުލްހައިގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދާން ހަމާސް އިން ހުށަހަޅައިފިއެވެ.
ހަމާސްގެ ޓެލެގްރާމް ޗެނަލް އާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރާ އެއްގޮތަށް ސުލްހައިގެ މަޝްވަރާތަކުގެ ބައިވެރިން ކަމަށް ވާ ގަތަރާއި މިސްރު ހިމެނޭހެން މެއި 6 ގައި އެކުލަވާލި މަގުޗާޓާ އެއްގޮތަށް އެމެރިކާގެ ރައީސް ހުށަހަޅުއްވާފައި ވާ ސުލްހައިގެ ޕްލޭނާ އެކު ކުރިއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.
އަދި އެ ޕްލޭންގެ މައްޗަށް އާ ހުށަހެޅުމެއް ބޭނުން ނުވާކަމަށް ވެސް އެ ޖަމާއަތުން ބުނެފައި ވެއެވެ.
ހަމާސް އިން އެ އިޝާރާތް ކުރާ މެއި 6 ގެ ހުށަހެޅުމަކީ މީގެ ކުރިން ހަމާސް އިން އެއްބަސްވި ހުށަހެޅުމެކެވެ. ނަމަވެސް އޭރު އެ ހުށަހެޅުމަށް އެއްބަސް ނުވީ އިޒްރޭލެވެ.
އެ ހުށަހެޅުމުގައި ވެސް ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރުމާއި އިޒްރޭލުން ރަހީނު ކުރި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލަށް ހިމަނާފައި ވެއެވެ.
ހަމާސް އިން ބުނީ، އާ ހުށަހެޅުމެއްގެ ވާހަކަ ދައްކައިގެން އިޒްރޭލުން ހިންގާ އުދުވާން ކުރިއަށް ގެންދިޔުމަށް ވަގުތު ހޯދުމުގެ ބަދަލުގައި މެއި 6 ގެ އެ ހުށަހެޅުން ތަންފީޒު ކުރާނެ ގޮތެއް ވިލަރެސް ވެރިން ހޯދުމަށެވެ.
އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ގާޒާއަށް އެރީއްސުރެ ސުލްހައިގެ ވާހަކަ ވަނީ ދައްކަން ފަށާފައެވެ. ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިވެގެން މީގެ ކުރިން އެތައް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވީ ނަމަވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ. އެކަން އެހެން ހިނގަމުން ދަނިކޮށް މެއި 31 ގައި ބައިޑަން ހުށަހެޅުއްވި ޕްލޭނަކީ އެންމެ އެކަށޭނަ ޕްލޭން ކަމަށް ހަމާސް އިން ބުނެފައި ވަނިކޮށް އިޒްރޭލުން ދެކޮޅު ހަދާ، ހަމަލާތައް ވަރުގަދަ ކުރަމުން ގޮސް، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވެސް ވަނީ އަވަހާރަ ކޮށްލާފައެވެ.
ހަމާސްގެ ފަރާތުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން އީރާނުގައި ހުންނަވަނިކޮށެވެ. އެއާއެކު ސުލްހައިގެ ވާހަކަތަކަށް ހިޔަނި އެޅިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް، އެމެރިކާ، ގަތަރު އަދި މިސްރުގެ މަންދޫބުންގެ މަޝްވަރާއަށް ފަހު މިހާރު ވަނީ މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ނިންމާފައެވެ.
ހަބަރުތަކުން ބުނާގޮތުން އެ މަޝްވަރާތައް ކުރިއަށް ދާނީ، މިސްރު ނުވަތަ ގަތަރުގައެވެ.
މި ބައްދަލުވުމުގައި ބައިވެރި ވުމަށް ހަމާސް އާއި އިޒްރޭލަށް ދައުވަތު ދީފައި ވާ އިރު ހަމާސްގެ އޮފިޝަލުން ބުނީ އެ ދައުވަތު ގަބޫލުކުރުމާ މެދު ގޮތެއް ނިންމުމަށް އެތެރޭގެ މަޝްވަރާ ކުރިއަށް ދާ ކަމަށެވެ.
ސުލްހައިގެ ޕްލޭނަށް ހަމާސް އިން ފެހި ސިގްނަލް ދީފައި ވީ ނަމަވެސް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ މީގެ ކުރިން ބުނެފައި ވަނީ ހަމާސް ނައްތާ ނުލެވެނީސް އެއްވެސް ޕްލޭނަކަށް އެއްބަސް ނުވާނެ ކަމަށެވެ. ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގައި ހައްޔަރު ކުރަން ބައިނަލްއަގުވާމީ ކޯޓުން އަމުރު ނެރެފައި ވާ ފަރާތެއް ކަމަށް ވާ އިރު ގާޒާއަށް ދެމެން ގެންދާ ހަމަލާތައް ހުއްޓާލައި އޭނާ ހިމޭނުން ހުރެއްޖެ ނަމަ އެތެރޭގެ ފިއްތުމާއި ބައިނަލްއަގުވާމީ ފިއްތުން ކުރިމަތިވާނެތީ ހަނގުރާމަ ކުރިއަށް ގެންދަނީ ކަމަށް މުރާސިލުން ބުނެއެވެ.