ނިމިދިޔަ ސަރުކާރުން ގުޅީފަޅާއި ގިރާވަރުގެ އިތުރުން ހުޅުމާލޭގެ ހިއްކި ސަރަހައްދުން ގޯތިތައް ދޫކުރީ ކަނޑުންނާއި ފަޅުން ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ކުރީ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އާންމުންނަށް ދޫކޮށްފައި ހުރީ ގޯތިތަކެއް ނޫން ކަމަށާއި، އެ ތަންތަން ގޯތިތަކަށް ބަދަލުކުރަން ޖެހިފައިވަނީ މި ސަރުކާރުން ކަމަށެވެ.

"ކަނޑުން ދީފަ ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ، ފަޅުން ދީފަ ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ،" ހައިދަރު ވިދާޅުވިއެވެ.

އެހެންކަމުން، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން ބިން ހިއްކައިގެން، ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތިތައް ދޫކޮށްފައިވަނީ ބިން ހިއްކުމުގެ މަސައްކަތްކުރަމުންދާ ކުންފުނީގެ މަސައްކަތު ސާމާނު ބަހައްޓާ ތަންތަނުންނާއި ބައެއް ގޯޅިތަކުން ކަމަށާއި، އެގޮތުން ދޫކުރި ބައެއް ގޯތިތައް ހުރީ ކަރަންޓު ނަރުތަކާއި ކަރަންޓު ފޮށިތައް ގޭތެރެއަށް ވާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަންކަން ހައްލުކޮށް އެ ތަންތަން ސާފުކޮށް ގޯތި ހަވާލުކުރެވޭ ގޮތަށް ދެވަނަ ފިޔަވަހިން ދޫކުރަން ޖެހޭ 1،407 ގޯތީގެ ތެރެއިން 623 ގޯއްޗެއް ވެރިފަރާތާ ހަވާލުކުރެވިފައިވާނެއެވެ.

ހަމަ އެހެންމެ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށައި، އެ މަސައްކަތް ނިމުމުން ތިންވަނަ ފިޔަވަހިން ދޫކުރަން ޖެހޭ 699 ގޯތި އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"އޭރު ގޯތި ލިބުނު އެއްވެސް ފަރާތެއް އުނިނުވާނެހެން މި ސަރުކާރުން އެ ގޯތިތައް މާލޭ ރަށްވެހިންނާ ހަވާލުކުރާނީ އެ ފަޅު ހިއްކައި، ހިކިފަސް ބިމުން، ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" ހައިދަރު ވިދާޅުވިއެވެ.

ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކުރެވޭނީ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރަމުންދާ ސައިޓް ހުސްވުމުން ކަމަށާއި ކޮންމެ ދުވަހަކު ހެން އެ ތަނުގައި ބޮޑެތި މަސައްކަތު އުޅަނދުފަހަރު ދުއްވަމުން ދާ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެހެންކަމުން ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ، ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްގެން ގެންދިއުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި، ގޯތިތައް ހަވާލުކުރެވޭނީ 85 ހެކްޓަރު އިތުރަށް އެތަނުން ހިއްކައިގެން ކަމަށެވެ.

"އެ ގޯތިތައް ދީފަ ހުރީ ކަނޑުންނާއި ފަޅުން، އެހެންވީމާ އަޅުގަނޑުމެން އެ ބިން ހިއްކާފަ ނޫނިއްޔަކާއެއް އެ ގޯތިތަކެއް ހަވާލެއް ނުކުރެވޭނެ،"