ޔޫކްރައިން ސިފައިން އެއްގަމުންނާއި ވައިގެ މަގުން ރަޝިއާގެ ތެރެއަށް ވަރުގަދަ ހަމަލާތަކެއް ދީ ގެއްލުންތަލެއް ދިނުމާ އެކު ޓެރަރިޒަމް އާ ދެކޮޅު މޯޑަށް ހަނގުރާމަ ބަދަލުކޮށްފިއެވެ.

މީގެ ދެދުވަސް ކުރިން ޔޫކްރައިން އިން ދިން ވަރުގަދަ ހަމަލާތަކުގައި ރަޝިއާގެ ކާސްކް ގެ އެތެރޭގެ ވައިގެ މަރުކަޒަކަށް ހަމަލާދީ އެއްގަމު މަގުން ބޯޑަރު ހުރަސްކޮށް ސިފައިން ވަދެ ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

މިއާއެކު ކާސްކް, ބެލްގޮރޮޑް އަދި ބްރިޔަންސްކް ސަރަހައްދުގައި ކައުންޓާ ޓެރަރިޒަމް ހަރަކާތްތައް ތަންފީޒު ކުރަން ފަށާފައި ވާ އިރު, ވެހިކަލްތައް ހުއްޓުވައި މީހުންގެ ފޯނު އަޑުއަހާ އެއްތަނުން އަނެއްތަނަށް ގޮސް އުޅޭ މީހުން ހުއްޓުވުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ކާސްކް ސަރަހައްދުގެ ތެރެއަށް ޔޫކްރައިން އިން ހަމަލާ ދޭން ފެށިތާ މިއަދަށް 5 ދުވަސް ވެފައި ވާ އިރު, އެ ހަމަލާގެ ފުޅާ މިނާ ބެހޭ ގޮތުން ޔޫކްރައިން އިން ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ހަނގުރާމައިގެ ހަބަރުތައް ފަތުރާ ބޭރުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ, އެއްގަމު މަގުން ޔޫކްރައިން ސިފައިން ވަދެ ދިން ހަމަލާތަކުގައި ރަޝިއާގެ ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ހަލާކު ކޮށްލާފައި ވާ ކަމަށެވެ.

2022 ގައި ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ޔޫކްރައިން އިން ހޯދި އެންމެ ވަރުގަދަ ކާމިޔާބީގައި ކާސްކް ސަރަހައްދުން 10 ކިލޯމީޓަރު އެތެރެއަށް ވަދެ ހަމަލާދެމުން އަންނަ އިރު, އެމީހުން ގާއިމުވެ ތިބި ކުޑަ އަވަށެއް ހިފާނެ ކަމުގެ ބިރު ދައްކަމުން އަންނަ ކަމަށް ބުނެއެވެ.

މި ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި ރަޝިއާ ސިފައިންނަށް އަދި ކާމިޔާބު ވެފައި ނުވާ އިރު ނެޝަނަލް ކައުންޓާ ޓެރަރިޒަމް ކޮމިޓީ (ނަކް) އިން އަޅާފައި ވާ ފިޔަވަޅުތަކާއެކު އެ 3 ސަރަހައްދުގައި ހުރި އާންމު ގޭގެގަށް ވަދެ ބަލައި ފާސްކުރުމާއި ޝައްކުވާ ކަމެއް ފާހަގަ ވާނަމަ ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ދެއެވެ.

ރަޝިއާގެ ހަބަރުތައް ބުނާގޮތުން މި އޮޕަރޭޝަނާއެކު ކާސްކް ސަރަހައްދުން 76,000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ގެދޮރުން ނެރެ އެހެން ސަރަހައްދުތަކަށް ގެންގޮސްފައެވެ. އަދި ކާސްކް ސަރަހައްދަށް ވަން ޔޫކްރައިންގެ ފައުޖުގައި 1000 އަށް ވުރެ ގިނަ ސިފައިންނާ ހަނގުރާމަ މަތީ އުޅަނދު ހިމެނޭ ކަމަށް ވެސް ރަޝިއާގެ އިދާރާތަކުން ބުނެއެވެ.

ބައެއް ހަބަރުތަކުން ބުނާގޮތުން ޔޫކްރައިން ސިފައިން މިހާރު ވަނީ ކުދި ކުދި ބައެއް އަވަށްތައް އެމީހުންގެ ކޮންޓްރޯލަށް ގެންގޮސްފައެވެ. އަދި ސުދްޒާ ކިޔާ އަވަށެއް ހިފުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އާންމުވެފައިވާ ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުން ޔޫކްރައިން ސިފައިން ހިފި ބައެއް ތަންތަނުގެ ތެރޭގައި ރަޝިއާގެ ގޭސް ކުންފުނި ގެޒްޕްރޮމް ގެ ތަނެއްވެސް ހިމެނެއެވެ.

ޔޫކްރައިން އިން ހޯދި މި ކުއްލި ކާމިޔާބީ އާއެކު އެ ސަރަހައްދުގައި ހުންނަ ނިއުކްލިއާ ފެސިލިޓީއަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރަށް ސަމާލުވުމަށް އަންގާ އދ އިން ވަނީ ނިއުކްލިއާ އެއްވެސް ފެސިލިޓީއަށް ގެއްލުމެއް ނުދިމުމަށް އިރުޝާދު ދީފައެވެ.

ރަޝިއާގެ ނިއުކްލިއާ އެއް ޕަވާޕްލާންޓް ހުންނަނީ ޔޫކްރައިން އިން ހިފަމުން އަންނަ ސުދްޒާ އިރުއުތުރުން 60 ކިލޯމީޓަރުގެ ދުރުމިނުގައެވެ.

ޔޫކްރައިންގެ މިހަމަލާތަކަށް ރައްދު ދިނުމުގައި ރަޝިއާއިން އާ އުކުޅުތައް ތަންފީޒު ކުރަން ފަށާފައި ވާ އިރު އެގައުމުގެ އޮފިޝަލުން ބުނަމުން ދަނީ ޔޫކްރައިން ސިފައިންގެ 700 އެއްހާ މީހުން މަރާލައި 90 އެތައް ވެހިކަލެއް ހަލާކުކޮށްލެވިފައި ވާ ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް ޔޫކްރައިން އިން ރައްދެއް ދީފައެއް ނުވެއެވެ.