ޔޫކްރައިން އަށް ހުޅަނގުގެ ބޮން އަޅާ ބޯޓުތައް ލިބުނު ފަހުން ދިން އެންމެ ވަރުގަދަ ހަމަލާގައި ރަޝިއާގެ ސަރަހައްދުގެ ތެރެއަށް ވަދެ ހަމަލާ ދީ ފިލައިފިއެވެ.
ރަޝިއާ އާއި ޔޫކްރައިންގެ އިދާރާތަކުން ބުނާ ގޮތުގައި މިހަމަލާގައި ކާސްކް ސަރަހައްދުން ރަޝިއާގެ ފައުޖުތައް ހަރަކާތްތެރިވާ ސަރަހައްދުގެ މާ ފަހަތުން 100 ކިލޯމީޓަރު އެތެރޭގައި އޮތް އެއާ ފީލްޑަކަށް ވެސް ވަނީ ހަމަލާ ދީފައެވެ. އެ އެއާ ފީލްޑަކީ ރަޝިއާގެ އެންމެ ޒަމާނީ އެސްޔޫ-34, އެސްޔޫ-35 އަދި އެމްއައިޖީ-31 މަރުކާގެ ބޮން އަޅާ ބޯޓުތަކެއް ވެސް ޕާކްކޮށްފައި ހުރި އެއާފީލްޑެއް ކަމަށް ބުނެފައި ވެއެއެވެ.
މިހަމާގައި ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ރަޝިއާއިން ވަނީ ޔޫކްރައިންގެ އެތެރޭގެ ސަރަހައްދެއްގައި ހުރި ސްޕަމާކެޓަކަށް ހަމަލާއެއް ދީ އެތަނަށް ގެއްލުން ދީފައެވެ. އެ ހަމަލާގައި 2 މީހަކު މަރުވެ 17 މީހަކު ޒަހަމްވި ކަމަށް ޔޫކްރައިން އިން ބުނެފައި ވާއިރު, ޔޫކްރައިން އިން ރަޝިއާ އަށް ދިން ހަމަލާގައި މީހެއްގެ ފުރާނަ ދިޔަ ކަމުގެ މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.
މި ހަމަލާ އާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ އެއީ 'އަރައިގަތުމެއް ކަމަށާއި, އަދި ރުޅިއެރުވުން' ކަމަށެވެ. އެ ހަމަލާގައި މިސައިލް ހިމެނޭހެން އެކި ބާވަތުގެ ހަތިޔާރު ޔޫކްރައިން އިން ބޭނުން ކޮށް, އާންމުން ދިރިއުޅޭ އިމާރާތްތަކާއި އެމްބިއުލާންސް ތަކަށް ވެސް ހަމަލާ އަމާޒު ކޮށްފައި ވާ ކަމަށެވެ.
ރަޝިއާގެ އޮފިޝަލުންނާއި ރަޝިއާ ހަނގުރާމަ އާ ގުޅޭ ހަބަރުތައް ފަތުރާ ބްލޮގްތަކުގައި ބުނެފައި ވާގޮތުން ރަޝިއާގެ ސަރަހައްދުގެ ތެރެއަށް ވަދެގަތުމަށް ޔޫކްރައިން އިން ވަނީ އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދީފައެވެ. އަދި 31 މީހަކު ޒަހަމްވި ކަމަށް ބުނެފައި ވެއެވެ.
ރަޝިއާގެ ހަބަރުތައް ގެނެސްދޭ އާރުޓީ އިން އާންމު ކުރަމުން ދާ ގޮތުން ރަޝިއާގެ ފައުޖުތަކުން ވެސް ވަނީ ކާސްކް ސަރަހައްދުގައި ޔޫކްރައިންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ކްލަސްޓާ ބޮމާއި އެނޫންވެސް ހަތިޔާރު ބޭނުން ކޮށްގެން ދިން ހަމަލާތަކުގައި ފާއިތުވެ 4 ދުވަހުގެ ތެރޭގައި ޖުމްލަ 670 ސިފައިން މަރާލައި 80 އަށް ވުރެ ގިނަ އުޅަނދު ވަނީ ހަލާކުކޮށްލާފައެވެ. ނަމަވެސް މިވާހަކަތަކަށް ޔޫކްރައިން އިން ރައްދެއް ދީފައެއް ނުވެއެވެ.
ޔޫކްރައިންގެ ރައީސް ވަލްޑިމިއާ ޒެލެންސްކީ ވިދާޅުވީ, ރަޝިއާއިން މިއަދު ސްޕަމާކެޓަށް ދިން ހަމަލާގެ ޒިންމާ ރަޝިއާއިން އުފުލަން ޖެހޭނެ ކަމަށާއި ރައްދު ދޭނެ ކަމަށެވެ.
ކާސްކް ސަރަހައްދުގައި ހަނގުރާމަ ބާރުވެފައި ވާ މިދަނޑިވަޅުގައި އެ ސަރަހައްދުން ދެގައުމު ގުޅޭ ބޯޑަރު ކައިރީގައި ދިރިއުޅޭ އާންމުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތްވެސް ދެފަރާތުގެ އަސްކަރިއްޔާއިން ކުރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.
އެމެރިކާއިން ރަޝިއާއިން އެފް-16 މަރުކާގެ ބޮން އަޅާ ބޯޓުތައް ދޭން ފެށުމާއެކު އެއީ ރަޝިއާ ބަލިކުރަން ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށް ޔޫކްރައިން އިން ބުނެފައި ވާ އިރު, އެމެރިކާ އާއި ނޭޓޯ ހިމެނޭހެން ޔޫރަޕުން 64 ބޯޓު ޔޫކްރައިން އަށް ދޭން ވަނީ ނިންމާފައެވެ.