އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު، ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯ އާ ގުޅިގެން އޭނާގެ ދިފާއުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ ތެދުވެއްޖެއެވެ.
އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ހަސަން ކުރުސީގެ އެކްސް އެކައުންޓުން އާންމުކޮށް، އެ ވީޑިއޯގައި ފެންނަނީ މިނިސްޓަރު ޝަހީމްކަމަށް ތުހުމަތުކޮށް ހަބަރު ފަތުރާފައި ވަނީ މީގެ ދެ ދުވަހެއްވަރު ކުރިންނެވެ. އެ ކަމާ ގުޅިގެން މީހުން ވަނީ ޝަހީމަށް ބޮޑެތި ފާޑު ކިޔުންތައްވެސް އަމާޒުކޮށްފައެވެ.
ނަމަވެސް ވީޑިއޯ ފެތުރުމަށް ފަހު އެއީ ޝަހީމްގެ ވީޑިއޯއެއް ނޫން ކަމަށް ބުނެ ކުރުސީ ވަނީ މާފަށް އެދިފައެވެ. އެއާއެކު ޝަހީމްގެ ދިފާއުގައި ގިނަ ބަޔަކު ވާޙަކަ ދައްކަމުންދާ މި ދަނޑިވަޅުގައި އޭނާ ނިސްބަތްވާ އަދި ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.
ޝަހީމްއާ ގުޅޭގޮތުން އަސްލެއް ނެތް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އެކަން ކުށްވެރިކޮށް ޕީއެންސީން ނެރުނު އެ ބަޔާނުގައި ބުނީ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރަމުން ގެންދާ ހުލްގު ހެޔޮ ދީނީ ލީޑަރެއް ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކޯލިޝަނުން ފަހުރުވެރިވާ ކަމަށް އެ ބަޔާނުގައިވެއެވެ. ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުން ހުރި އެންމެހާ ކަންކަން ކުރެއްވުމުގައި ޝަހީމް ކާމިޔާބު ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް ކޯލިޝަނުން ބުނެއެވެ.
ޝަހީމަށް ފުރަައްސާރަކޮށް، ހަގީގަތާ ހިލާފު ދޮގު އިލްޒާމުތައް އެޅުވުމަކުން އޭނާ ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޝަހީމަކީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށް ބުނެ އެ ބަޔާނުގައި ވަނީ ޝަހީމްގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.