ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ރަނގަޅުކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ހަގީގީ މަންޒަރު މުޅިން ތަފާތުކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިންޑިއާ އެކު އޮތް ޒަމާންވީ ގުޅުމަށް ބުރޫއަރާ ކަންތައްތަކެއް ހިނގާފައިވާކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުން ބޮޑު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓު ވެސް ވަރަށް ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު އިންޑިއާގެ މާކެޓް ވަރަށް ބޮޑަށް ދަށްވެ، ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވެފައިވާ ކަމަށެވެ. "އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސަންޓު ދަށަށް ގޮސްފައި މިވަނީ." ޝާހިދު ވިދާޅުވިއެވެ.
މިގޮތަށް ކަން ދިމާވަނީ ގައުމު ހިންގަން ނޭނގުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މި ގައުމަށް ގެއްލުންވަމުން ދަނީ މި ސަރުކާރުގެ ގޮތެއް ނެތުމުން ކަމަށެވެ. އަދި މި ސަރުކާރު ތިބި މީހުން ވެރިކަމަށް އައުމުގެ ކުރިން އިންޑިއާއަށް ނިސްބަތްކޮށް އެތައް ދޮގެއް ހަދާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކަނޑު އިންޑިއާ ބައިވެރިވެގެން ވިއްކާލި ވާހަކަ ޖައިޝަންކަރު ކައިރިން އައްސަވާލަން ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.
އިތުރަށް ޝާހިދު ވިދާޅުވީ މިއަދު ގާނޫނު އަސާސީއަށް 16 އަހަރު ފުރުން ފާހަގަކުރާއިރު ދިވެހި ގައުމު އަނެއްކާވެސް ފަހަތަށް ސޮއްސާލާފައިވާ ކަމަށެވެ. މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން ޝާހިދު ވަނީ ރާއްޖޭގެ މުޅި ނިޒާމު އެއްކޮށް ތައައްޔަރުވެ، ރާއްޖެ މިސްރާބު ޖަހާފައި ވަނީ ބާރުވެރިކަމާ އަޅުވެތިކަމާ ދިމާލަށް ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުން ހުރީ ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ހައްގު ނިގުޅައިގަތުމަށްކަމަށެވެ. އެގޮތުން މުވައްސަސާތަކުގެ މައްޗަށް ބާރު ފޯރުވައި، ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލާ މަންޒަރު ފެންނަން ފަށާފައިވާކަަމަށް ޝާހިދު ވިދާޅުވިއެވެ. އިތުރަށް ޝާހިދު ވިދާޅުވީ މި ސަރުކާރުން ވިސްނުން ގެންގުޅެމުން ދަނީ، ގާނޫނުއަސާސީ އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތާއި ވެރިކަން ކުރާ ފަސް އަހަރު ވެސް އިތުރު ކުރުމަށް ކަމަށެވެ.
ރާއްޖޭގައި ތަރައްގީ ހުއްޓި، ސަރުކާރުގެ ވިސްނުން ހުއްޓިފައި އޮތީ އެތެރޭގެ ކޯޅުމުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވިސްނުން ހުންނަން ޖެހޭނީ ރާއްޖެ ހަމަ މަގަށް އެޅުވުމަށް ކަމަށެވެ.