އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި ބިލުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު އޮޅުން ފިލުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވެ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

މި ބިލު ކޮމިޓީގައި އޮންނަތާ 59 ދުވަސް ވެފައިވާކަން ފާހަގަކުރައްވާ މީކާއިލް ވަނީ މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާވެސް ނުކޮށްވާ ސަބަބު އޮޅުން ފިލުވައިދިނުމަށް އެދިވަޑައިގެންފައެވެ.

މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 88 މެންބަރުން ވެސް ވޯޓުދެއްވީ އިސްލާހު ބަލައިގަތުމަށެވެ.

މީކާއީލް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރަކަށް ނަންބަރެއް އިތުރުކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންނެވެ. އިސްލާހު ފާސްވެއްޖެނަމަ، އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާވާނެއެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ރާއްޖޭން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ އާއި މިކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތުމުން، ސީދާ ގާނޫނަށް އިސްލާހު ގެނެސް ފިޔަވަޅު އެޅުން އަވަސްކުރުން ކަމަށް، މީކާއީލްގެ ބަޔާނުގައިވެއެވެ.