ދިވެހިރާއްޖޭގެ ތާރީހުގައި ރައީސަކަށް ރައްޔިތުން ދެވަނަ ދައުރެއް ދޭނެ ރައީސަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެމަނިކުފާނަކީ ވިދާޅުވާ ބަސްފުޅުގައި ހިފަހައްޓައިގެން މަސައްކަތްޕުޅު ކުރައްވާ ވެރިއެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ވިދާޅުވީ، ސިޔާސީ ލީޑަރުންނަށް އެމަނިކުފާނާ ވާދަކޮށްލައްވަން ވެސް ކެރިވަޑައިނުގެންނެވި ކަމަށާއި ރިޔާސީ އިންތިހާބަށް ފަހު އައި މަޖިލިސް އިންތިހާބުގައި ވެސް، މާޒީގައި ކަން ކުރާ ފަދައިން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ރައްޔިތުން ވަނީ އެކަމަށް ނޫނެކޭ ބުނެފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މާޒީގައި ސިޔާސީ ލީޑަރުން ވަނީ ޖީލެއް ހަލާކުކޮށްލައްވާފައި ކަމަށާއި އޭގެ ހިތި ނަތީޖާ މިހާރުވެސް މި މުޖުތަމައުތެރެއިން ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން މިއަދު ބޭނުން ވަނީ އަމާން ސުލްހަވެރި ގައުމެއް ބިނާވާން ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވަމުން އެ ގެންދަވަނީ އެ މަސައްކަތްޕުޅު ކަމަށް ހުސައިން ވިދާޅުވިއެވެ.
މި ސަރުކާރާ ހަވާލުވުމުގެ ކުރިން ގާނޫނުގައި ހުރި ކަންކަން ބެލި އިރު، ގާނޫނެއް ނުހިނގާ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލާފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ. އޭރު ކުށްކުރާ މީހުންނަށް އަދަބު ނުދެވޭ ކަން ވެސް ހުސައިން ފާހަގަ ކުރެއްވިއެވެ. އެގޮތަށް ކަންކަން ބައްޓަން ވެގެން ދިޔައިމާ ދައުލަތުގެ ބަޖެޓަށް ކުރި އަސަރުތަކާއި ރައްޔިތުންގެ ފުދުންތެރިކަމަށް ކުރި އަސަރު 'މިއޮތީ ފެންނަން' ކަމަށް ހުސައިން ވިދާޅުވިއެވެ.
ސިޔާސީ ވެރިންގެ ފަހަތުން މަސައްކަތް ކުރާ އިރު، ވިސްނަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް ހުސައިން ފާހަގަ ކުރެއްވިއެވެ. މިދިޔަ ދެ އިންތިހާބަށް ބަލާލި ކަމުގައި ވިޔަސް ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަވަން ކަމަށާއި އޭގެ ނަތީޖާއަކަށް ވީ ދޭ ދޭ ދެމީހުންގެ މެދުގައި ތަޅާފޮޅުން ހިނގުން ކަމަށް ހުސައިން ވިދާޅުވިއެވެ.
ގާނޫނީ މުވައްސަސާތައް ނެރެގެން ވެސް ރައްޔިތުންނަށް އަނިޔާ ކުރުން ފަދަ ކަންކަން މީގެ ކުރީ ސަރުކާރުތަކުން ކުރިތަން ފެނިވަޑައިގެންނެވި ކަމަށް ހުސައިން ވިދާޅުވިއެވެ. އެގޮތުން އަނިޔާވެރިކަން އޮތީ އިންތިހާއަށް މޫލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު އެ މަސައްކަތް ކުރައްވަނީ މިކަންކަން ހައްލު ކުރެއްވުމަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ހުސައިން ވިދާޅުވިއެވެ.
މާދަމާ އަކީ ގާނޫނު އަސާސީއަށް 16 އަހަރު ފުރޭ ދުވަސް ކަމަށާއި އެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ހުސައިން ފާހަގަ ކުރެއްވިއެވެ. އަދި މިކަން ރައީސް މުއިއްޒު އަބަދުވެސް ހަނދުމަފުޅު ކުރައްވާ ކަމަށާއި ތަކުރާރުކޮށް ދެއްވާ އިރުޝާދުގައި ރައްޔިތުންގެ ވިންދާ އިހުސާސްތައް ދެނެގަތުމަށް މަޝްވަރާ ދެއްވާކަން ވަޒީރުން ހެކިވެވަޑައިގަންނަވާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ މެނިފެސްޓޯ ވެސް އެކުލަވާލައްވާފައި ވަނީ ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ހުސައިން ވިދާޅުވިއެވެ. އެ މެނިފެސްޓޯ އެކުލަވާލީ މަސްވެރިންނާއި، ޒުވާނުންނާއި، އަންހެނުންނާއި އިސް ރައްވެހިންނާ ވާހަކަ ދެއްކެވުމަށް ފަހު އެމީހުން ބޭނުންވާ ގޮތަށް ކަމަށް ހުސައިން ވިދާޅުވިއެވެ. އެހެންކަމުން އެއީ ރައްޔިތުންގެ އަޑުއައްސަވާނެ ވެރިއެއް ކަމަށާއި ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ހާލަތާއި ވަގުތަށް ބައްލަވައި މަސައްކަތްތައް ސްޕީޑުގައި ކުރިއަށް ގެންދެވުމަށް ކަމަށް ހުސައިން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަކީ މި ވެރިކަމުގެ ތެރޭގައި ހާސިލް ކުރެވޭނެ ކަންކަން ކަމަށް ހުސައިން ވިދާޅުވިއެވެ. އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި މަޖިލިސް މެންބަރުން ވެސް މަސައްކަތް ކުރައްވަނީ އެ ކަންކަން ހާސިލް ކުރެއްވުމަށް ގާނޫނުތައް ތަންފީޒު ކުރުމަށް ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ. މިކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މާލީ ދަތިކަމާއި، މުވައްސަސާތަކުގެ ދޯހަޅި ކަމާއި ގާނޫނީ ބާރު ނެތުމަކީ ހުރި ދަތިތައް ކަމަށް ހުސައިން ވިދާޅުވިއެވެ.