ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ (ކުލި) ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީ 1 ކުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާކަމަށާއި، ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކާފައިނުވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ މި ފައިސާ ދެއްކުމަށް އިލްތިމާސްކޮށް، ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ހައުސިން ޔުނިޓު ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުން ތަކަށް އަދި ގަވައިދާ ހިލާފަށް ތަނަށް ބަދަލުގެނައުމުގެ އިތުރުން ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލާ، ގަވައިދާ ހިލާފު ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ހައުސިން ޔުނިޓުތަކުގެ އީއެމްއައިގެ 20 އިންސައްތަ ވަނީ މީގެކުރިން މާފުވެސް ކޮށްދީފައިކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ހައްސާސް މައްސަލައަކީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހައްލުކޮށް އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދު ވެސް މެއެވެ.