މިނިވަން ދުވަހާ ގުޅިގެން ބޭއްވުމަށް ރޭވި ޕެރޭޑް މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޕެރޭޑް ބޭއްވުމަށް ނިންމީ ޖުލައި 26 ވީ ހުކުރު ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ޕެރޭޑް ވަނީ މިއަދަށް ފަސްކޮށްފައެވެ.

އެއާއެކު މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ. އެކަން މަނާކޮށް މާލޭ ސިޓީ ކައުންސިލުން ނެރުނު ދެންނެވުމެއްގައި ބުނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 އަށް ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ވަގުތުތަކުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިނިވަން ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައި ބަނޑޭރި ކޮށި ސަރަހައްދުންނެވެ. އަދި ނިންމުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށި ސަރަހައްދުންނެވެ. މިނިވަންދުވަހުގެ ޕެރޭޑް ހުއްޓާ ސަރަހައްދު ތަކަކީ:

  1. އަމީރު އަހުމަދު މަގު ޕާކިންގް ޒޯން ކުރިމަތި
  2. ސޯސަންމަގު ދިވެހި ބަހުގެ އެކަޑަމީ ކުރިމަތި
  3. މަޖީދީ މަގު / ޗާންދަނީމަގު ކުރިމަތި
  4. މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމަތި
  5. ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި

މީގެ ކުރިންވެސް މާލޭގައި މިފަދަ ދުވަސް ދުވަހު އެއްގަމު އުޅަނދު ދުއްވުން މަނާ ކުރެއެވެ.