ކަސްޓަމްސް ގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދީފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަނުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައި ދެއްވުމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްއަށް 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ނިންމުން ހާމަ ކޮށްފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އާއެކު ކަސްޓަމްސްގެ އިސްވެރިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިދިޔަ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ ގެދޮރުންވެރިޔާ ސްކީމްގެ 4000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަސްޓަމްސް މުވައްޒަފުންނަށް ދިނުމަށް ނިންމިއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވެފައި ވަނިކޮށް އޭރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ކަސްޓަމް މުވައްޒަފުންނަށް 100 ފްލެޓް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 4000 ފްލެޓްގެ ދާއިމީ ލިސްޓް އިއުލާން ކުރި އިރު އޭގެން 100 ފްލެޓް އުނިކޮށް ލިސްޓު ނެރެފައި ވަނީ 3900 މީހުންނަށް ކަމަށް ފްލެޓް ލިބޭ ގޮތަށް ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

ފްލެޓް ލިސްޓް އާންމު ކުރުމާ އެކު ކޮރަަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އޭސީސީން މައްސަލަ ބަލަން ފަށައި ވަނީ ފްލެޓް ދިނުމުގެ ކަންކަން މަޑުޖައްސާލަން އަންގާފައެވެ. އެއަށް ފަހު އޭސީސީން ކުރި ތަހުގީގަށް ފަހު މި ސަރުކާރުން ވަނީ ފްލެޓް ލިސްޓް ރިވިއުކޮށް އިއުލާން ކުރާނީ އަންނަ އޮކްޓޯބަރު މަހުގައި ކަމަށް ބުނެފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހައުސިން މިނިސްޓަރު ހައިދަރު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ ކަސްޓަމްސްއަށް ދޭން ބުނާ 100 ފްލެޓަކީ ވުޖޫދުގައި އޮތް އެއްޗެއް ނޫން ކަމަށެވެ. ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި އިރު ވެސް އެ ސްކީމްގެ ދަށުން ކަސްޓަމްސްއަށް ފްލެޓް ދޭން ނިންމާފައިވާ ކަން ފެންނަން ނެތް ކަމަށާއި ކަސްޓަމްސްގެ ވެރިންވެސް ވިދާޅުވެފައި ވަނީ އެ ސްކީމުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ހޯދުމުގެ ޝައުގެއް ނެތް ކަމަށް ހައިދަރު ވިދާޅުވެފައި ވެއެވެ.

މި ބައްދަލުވުމަށް ފަހު ކަސްޓަމްސް އިން ވަނީ ފްލެޓް މައްސަަލައިގައި ހައުސިން މިނިސްޓްރީއާއެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި 100 ފްލެޓް ދޭން މި ސަރުކާރުން ނިންމި ކަމުގައި ވިޔަސް އެ ފްލެޓްތައް ދޭން ނިންމާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓުން ކަން އަދި ޔަގީނެއް ނުވެއެވެ.